ތެލުގެ އަގު ހެޔޮވުމުން ކަރަންޓް ސަބްސިޑީއަށް ކުރާ ހަރަދުން 20 މިލިއަން ސަލާމަތް ކުރެވިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ހެޔޮވެ ރާއްޖެއަށް ވެސް ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާއި ގުޅިގެން ސަރުކާރުން ކަރަންޓް ސަބްސިޑީއަށް ދޫކުރާ ފައިސާއިން މި މަހު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގައި ނެޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފި އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ ކަރަންޓް ސަބްސިޑީ އަށް މިދިޔަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ސަރުކާރުން 81 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މުޅި އަހަރަށް 977 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މުޖުތަބާ ވިދާޅުވީ ކަރަންޓް ސަބްސިޑީއަށް ސަރުކާރުން މީގެ ކުރިން މަހަކަށް ހޭދަކުރި ވަރަށް ވުރެ މިއަހަރު މަހެއްގެ މައްޗަށް ކުރާ ހޭދަ 25 އިންސައްތަ ދަށްވާނެ ކަމަށާއި އެއީ ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓުމާއި ގުޅިގެން ރާއްޖޭގައި މިހާރު ޕެޓްރޯލާއި ޑީސަލް ލީޓަރެއް އެސްޓީއޯ އިން ވިއްކަނީ 10ރ. އަށެވެ.
މުޖުތަބާ މިއަދު އިތުރަށް ވިދާޅުވީ ކަރަންޓް ސަބްސިޑީ ބޭނުންވާ ފަރާތްތަކުން އަލުން ރަޖިސްޓްރީވުމަށް އެންސްޕާ އިން މިހާރު ނިންމާފައިވާ ކަމަަށެވެ. އަދި އެފުރުސަތު ހުޅުވާލާފައި އޮންނާނީ އަންނަ މަހުގެ 10 އިން އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ވިދާޅުވި އެވެ.
ކަރަންޓް ސަބްސިޑީ ބޭނުންވާ ފަރާތްތަކުން އަލުން ރަޖިސްޓްރީވުމަށް އެންސްޕާ އިން ހުޅުވާލައި އެކަމުގައި އާ އުސޫލުތަކެއް އެކުލަވާލުމުން ކަރަންޓް ސަބްސިޑީއަށް މިހާރު ކުރާ ހޭދައިން ސަލާމަތްވާ އަދަދަށް ވުރެ ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ތެލުގެ އަގު ހެޔޮވެ ކަރަންޓް ސަބްސިޑީއަށް ކުރާ ހޭދައިން 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފައިވާއިރު އަތޮޅު ތެރޭގެ ރަށްތަކުގައި ކަރަންޓުގެ އަގޮ ހެޔޮވަމުން ނުދާ ކަމަށް ބުނެ ބައެއް ކައުންސިލް ތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ