ނޫސް ލިޔުމާއި ޚަބަރު ކިޔުމުގެ ތަޖުރިބާ ސްކޫލް ކުދިންނަށް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން އިންތިޒާމް ކޮށްގެން ސްކޫލު ކުދިންނަށް ޚާއްސަ ޙަރަކާތްތަކެއް ހިންގައިފިއެވެ.
މާލޭގެ ގިނަ ސްކޫލުތަކެއްގެ ދަރިވަރުންގެ ބައިވެރިވުމާއި އެކު އަމީނިއްޔާ ސްކޫލުގެ ވައިލެޓް މާލަމުގައި މައިގަނޑު ދެ ހަރަކާތެއްގެ ގޮތުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ނޫސް ލިޔުމާއި ޚަބަރު ކިޔުމުގެ މުބާރާތެކެވެ.
ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން މީޑިޔާ ކައުންސިލުގެ މެންބަރު މުހައްމަދު ރަފީގް (ރިވަރިން) ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން، ސްކޫލު ކުދިންނަށް ޚާއްސަ ކޮށްގެން، ނޫސްވެރިކަމާއި ގުޅުންހުރި މުބާރާތްތަކެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، ނޫސްވެރިކަމުގެ ދާއިރާއަށް ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން އަހުލުވެރިކުރުވައި، ދާއިރާއަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުން ކަމަށެވެ.
އެމްއެމްސީ އިން މިއަދުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
އެގޮތުން މިއަދު މެންދުރު ފަހު 2:00 ކުން ހަވީރު ހަތަރަކަށް ކުރިއަށް ގެންގޮސްފައިވަނީ ޚަބަރު ލިޔުމުގެ މުބާރާތެކެވެ. އަދި ހަވީރު 4:00 އިން މިރޭ 7:30 ކުރިއަށް ގެންގޮސްފައިވަނީ ޚަބަރު ކިޔުމުގެ މުބާރާތެވެ. މި ހަރަކާތްތަކުގައި މާލޭގެ ހަތް ސްކޫލަކުން ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. މިދެމުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ މިރޭ 8:00 ގައި އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި އެމްއެމްސީގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ޚަބަރުކިޔުމުގެ ބައިން 1 ވަނަ ހޯދީ ހިރިޔާ ސްކޫލެވެ. 2 ވަނަ ހޯދީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. އަދި 3 ވަނަ ހޯދީ ޖަމާލުއްދީން ސްކޫލެވެ. ނޫސް ތައްޔާރުކުރުމުގެ ބައިން 1 ވަނަ ލިބުނީ ޖަމާލުއްދީން ސްކޫލުން ތައްޔާރުކުރި "ނޫކުރި" ނޫހަށެވެ. 2 ވަނަ ލިބުނީ އަމީނިއްޔާ ސްކޫލުން ތައްޔާރުކުރި "މޭރުން" ނޫހަށެވެ. އަދި 3 ވަނަ ލިބުނީ ހިރިޔާ ސްކޫލުން ތައްޔާރުކުރި "ސާސްތުރަ" ނޫހަށެވެ.
މީޑިއާ ކައުންސިލުން ބުނީ މިއަދު ބޭއްވި ދެމުބާރާތުން ވެސް އެއްވަނައަށް ދިޔަ ސްކޫލަށް މޯލްޑިވްސް މީޑިޔާ ކައުންސިލުގެ ފަރާތުން ހުށަހަޅާ ޚާއްސަ އިނާމެއް ދިނުން ވެސް އޮންނާނެ ކަމަށާއި، އިނާމު ޙަވާލުކުރުން އޮންނާނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އަންނަ މެއި މަހުގެ ތިން ވަނަ ދުވަހު ބާއްވާ ޚާއްސަ ޖަލްސާއެއްގައި ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައިގެން މީގެ ކުރިން ސްކޫލުތަކަށް އަމާޒުކޮށްގެން މިފަދަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މިއަދުގެ މުބާރާތްތަކުގައި ބައިވެރިވި ސްކޫލުތަކުގެ ދަރިވަރުން ބުނެފައިވަނީ، މީޑިއާ ކައުންސިލުން އިންތިޒާމް ކޮށްގެން މިއަދު ބޭއްވި ހަރަކާތްތަކަކީ އެކުދިންގެ ކުރިމަގު ރޭވުމަށް ލިބިގެން ދިޔަ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
ވާދަވެރި މުބާރާތެއްގެ ތެރެއިން މިއަދު ދަސްވެގެންދިޔަ ކަންކަމަކީ، މުސްތަގުބަލުގައިވެސް ބޭނުންކުރެވިދާނެ މުހިއްމު ތަޖުރިބާތަކެއް ކަމަށް މިހަރަކާތްތަކުގެ ބައިވެރިން ވަނީ ބުނެފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައިވެސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ތިން ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ