ސްކޫލް އޮފް ޗެސް ޕްރޮގްރާމް އިފްތިތާހުކޮށްފި

މޯލްޑިވްސް ޗެސް ފެޑެރޭޝަނުން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ ފުރަތަމަ ހަރަކާތް ކަމަށްވާ ސްކޫލް އޮފް ޗެސް ޕްރޮގްރާމް އިފްތިތާހްކޮށްފި އެވެ.
ރޭ ދަރުމަވަންތަ ސްކޫލްގައި އޮތް ހަފްލާއެއްގައި މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ. މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޗެސް އަކީ މިހާރު ރާއްޖޭގައި ވަރަށް ހަލުވި ކަމާއިއެކު ކުރި އަރަމުން އަންނަ ކުޅިވަރެއް ކަމަށާއި، އެގޮތުން މި ކުޅިވަރު ވެގެންދާނީ މުސްތަގުބަލުގައި ރާއްޖެއަށް ރީތި ނަން ހޯދައިދެވޭ ފަދަ ބޮޑު ކުޅިވަރަކަށް ކަމަށެވެ.
މިނިސްޓަރު އުމަރު އިތުރަށް ވިދާޅުވީ ޗެސް އަކީ ވަކި އުމުރަކަށް ހާއްސަ ކުޅިވަރެއް ނޫން ކަމަށާއި، ކޮންމެ އުމުރެއްގެ މީހުންނަށްވެސް މިއީ ކުޅެވޭނެ އަދި ކުރިއަށްދެވޭނެ އަގުހުރި ކުޅިވަރެއް ކަަމަށެވެ.
ރޭގެ ހަފްލާގައި މިނިސްޓަރު ވަނީ މިދިޔަ އަހަރު ސްރީ ލަންކާގައި ކުރިއަށްދިޔަ ފަސް ވަނަ އޭޝިއަން ސީނިއާ އެންޑް އެމޭޗާ ޗެސް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން ހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކުރައްވާފައި އެވެ. މީގެ އިތުރުން މި ހަފްލާގައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 22 އިން 30 އަށް ބޭއްވި ނެޝަނަލް އީ އެލް އޯ ރޭޓިން ޗެސް ޓޯނަމަންޓުން ވަނަ ވަނަ ހޯދި ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްފައި އެވެ.
މި އިވެންޓްގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ އަބްދުލް ރަހްމާން އަލީ އެވެ. އަދި ދެވަނަ ހުސައިން ޝިޔާން އަށް ލިބިފައިވާ އިރު ތިން ވަނަ ލިބުނީ ހުސައިން އަލީއަށެވެ.
މީގެ އިތުރުން މިބައިގެ އަންހެން އެއްވަނަ ނިހާޔާ އަހުމަދު ހޯދި އިރު، ދެވަނަ ލިބިފައިވަނީ ޒައުރާ އަބްދުﷲ އަށް،، އަދި ތިންވަނަ ލިބިފައިވަނީ އައިޝަތު ހިމާޔާ އިބްރާހިމް މުޖާހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ