ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދާ މެކްސިކޯ ދެވަނަ ބުރަށްް

1-3 ގެ ނަތީޖާއަކުން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދާ މެކްސިކޯ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މި މޮޅާއެކު  މެކްސިކޯ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކީ ގްރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުން އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ބްރެޒިލް އެވެ.
ބްރެޒިލްގެ ރެސިފޭގެ އެރީނާ ޕާނަމްބުޗޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ބަލާހިތްވާފަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.
އެގޮތުން މެޗުގެ ފުރަތަމަ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ މެކްސިކޯ އަށެވެ. ނަމަވެސް މެކްސިކޯގެ ހެރޭރާ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.
މެޗުގެ 29 ވަނަ މިނެޓްގައި ކްރޮއޭޝިއާގެ ޕްރާންޖިކްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަޑިކައިރިން ބޭރަށެވެ. އަދި މެޗުގެ 31 ވަނަ މިނެޓްގައި ކްރޮއޭޝިއާ ޓީމުގެ ފޯވާޑް މާރިއޯ މެންޑްޒުކިޗް ކުރިއަށް ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލުގެ ހުރަސް ދަޑިކައިރިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ބޮޑަށް ބަލާފައިވަނީ ޕެނަލްޓީއޭރިއާގެ ތެރެއަށް ވަދެ ހަމަލާ އުފެއްްދުމުގެ ބަދަލުގަ ޕެނަލްޓީއޭރިއާގެ ބޭރުން ހަމަލާތަށް ފޮނުވާލަންކަން ފާހަގަކޮށްލަންޖެހެ އެވެ.
ި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ނަތީޖާ އޮތްގޮތުން ދެވަނަ ހާފްގައި ކްރޮއޭޝިއާ އިން ގޯލެއް ކާމިޔާބުކުރަން މަޖުބޫރުވެފައި އޮތްނަމަވެސް އެޓީމުގެ ފަރާތުން ގޯލް ކާމިޔާބުކުރެވޭ ފެންވަރަކަށް ކުޅެވިފައެއް ނުވެ އެވެ. އަދި ދެވަނަ ހާފްގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމަށް ތަނަވަސް ކުރެވިފައެއް ނުވެ އެވެ.
އެއާ ހިލާފަށް ދެވަނަ ހާފްގައި މެކްސިކޯ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ކްރޮއޭޝިއާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 72 ވަނަ މިނެޓްގައި މެކްސިކޯ އިން ވަނީ މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފަ އެވެ. ހެރޭރާ ނަގައިދިން ކޯނަރެއް ބޮލުން ކުރިއަށް ފޮނުވާލައިގެން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ރަފޭލް މާކުއޭޒް އެވެ. އަދި އޭގެ 3 މިނެޓްފަހުން ޕެރަލްޓާ ދިން ޕާހަކުން ހޯސޭ އަންދްރޭސް ގުއަޑާޑޯ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްފަ އެވެ.
މެކްސިކޯގެ ތިންވަނަ ގޯލްޖެހީ މެޗުގެ 82 ވަނަ މިނެޓްގަ އެވެ. މާކުއޭޒް ބޮލުން ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެން ނިކުތް އެޓީމުގެ ޒުވާން ފޯވާޑް ހާވިއޭ ހާނަންޑޭޒް އެވެ.
ކްރޮއޭޝިއާ އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލް ރަކިޓިޗް ދިން ރީތި ޕާހަކުން މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި ބޯޅަ ނެތީސް މެކްސިކޯގެ ކުޅުންތެރިއަކަށް ކުރި ފައުލާ ގުޅިގެން ރެފްރީ ވަނީ ކްރޮއޭޝިއާގެ އެންޓޭ ރެބިޗްއަށް ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ކްރޮއޭޝިއާ އަތުން މޮޅުވެ މުބާރާތުގެ ދެވަނަ ބުރަށް މެކްސިކޯ ދަތުރުކުރުމުން އެޓީމް ދެވަނަ ބުރުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ އެއްވަނައަށް ދިޔަ ހޮލެންޑާ އެވެ. މެކްސިކޯ އާއި ހޮލެންޑް ބައްދަލުކުރާ ދެވަނަ ބުރުގެ މެޗު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ