އެސްޓީއޯ ނޫފަހި ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ސަންގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދާ ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް ދަތުރުކޮށްފި އެވެ.
މިރޭގެ މޮޅާއެކު ނިއުއަށް ވަނީ 7 ޕޮއިންޓް ލިބިގެން ގޮސްފަ އެވެ. 6 ޕޮއިންޓާއެކީ ދެވަނަ ލިބިގެން ސަން ސެމީއަށް ދަތުރުކޮށްފައިވާއިރު 4 ޕޮއިންޓް ލިބިގެން ސެމީއަށް ދަތުރުކުރި 3 ވަނަ ޓީމަކީ ސިފައިންނެވެ. އަދި އެއްވެސް ޕޮއިންޓެއް ނުލިބި ޕޮއިންޓް ތާވަލުގެ ފުލަށް ދިޔައީ ޕޮލިސް ކްލަބް އެވެ.
ލައިފް ބޯއީ ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ނިއު އިން ޖެހި 4 ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މި މުބާރާތަށްޓަކާ އެ ޓީމަށް ގެނައި އިންޑިއާގެ ގައުމީ ޓީމުގެ ކުޅުންތެރިއާ ބެމްބެމް ދޭވީ އެވެ. ނިއުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އައިޝަތު ސަމާ އާއި ޝަހުލާ ތައުފީގެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި މެޗުގައި ނިއުގެ ޓީމަށް 2 ގޯލް ކާމިޔާބުކޮށްދިން އިންޑިއާގެ ގައުމީ ޓީމުގެ ކުޅުންތެރިއާ ބެމްބެމް އެވެ.
ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މި މަހުގެ 16 ވަނަ ބައްދަލުކުރާނީ ސަން އާއި ނިއު އެވެ. އަދި އެ މެޗުން ބަލިވާ ޓީމެއް ބައްދަލުކުރާނީ ސެމީގެ ދެވަނަ މެޗުގައި ސިފައިންނާ އެވެ. ސެމީފައިނަލްގެ ދެވަނަ މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހުގަ އެވެ.
މިއީ އެފްއޭއެމް އިން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ދެ ވަނަ ފުޓްބޯޅަ މުބާރާތެވެ. ފުރަތަމަ މުބާރާތް ބޭއްވީ 2012 ވަނަ އަހަރު އެވެ.
ސަންގެ މައްޗަށް ކުރި ހޯދާ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ