ރާބިތާގެ އޭޝިއާ ސަރަހައްދުގެ އިސްވެރިޔާ މައުމޫން އާއި ބައްދަލުކުރައްވައިފި

ރާބިތަތުލް އާލަމިލް އިސްލާމީގެ ފަރާތުން ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ އެންމެ އިސްވެރިޔާ އައްޝައިޚް ފަހުދު މުހައްމަދު އަލް ހަރްބީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމް އާއި ބައްދަލުކުރައްވައިފި އެވެ.
ސެކްރެޓޭރިއޭޓް އޮފް ދަ ފޯމާރ ޕްރެޒިޑެންޓް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މި ބައްދަލުކުރެއްވުމުގައި ރާބިތާގެ ފަރާތުން ރައީސް މައުމޫނާއި މެދު ބަހައްޓަވާ ގާތްކަމާއި ދިވެހިރާއްޖެއަށް ދެއްވާ އަހައްމިއްޔަތަށްޓަކައި ރާބިތާގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ އިބްނު އަބްދުލް މުހުސިނުއް ތުރްކީއަށާއި ރާބިތާގެ އިސްވެރިންނަށް ރައީސް މައުމޫނު ޝުކުރު ދަންނަވާފައިވާ ކަމަށެވެ.
އަދި މި ބައްދަލުވުމުގައި އައްޝައިޚް ފަހުދު މުހައްމަދު އަލް ހަރްބީ ދެއްކެވި ވާހަކައިގައި ރައީސް މައުމޫނަކީ މިހާތަނަށް އަށާވީސް އަހަރު ވަންދެން ރާބިތާގެ ތައުސީސީ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ރާބިތާގެ ޖަލްސާތަކަށް ހާޒިރުވެ ހުރިހާކަމެއްގައިވެސް އެމަނިކުފާނުގެ ހިޔާލުފުޅާއި މަޝްވަރާ ދެއްވާ ބޭފުޅަކަށްވާތީ އެކަމަށްޓަކައި ރައީސް މައުމޫނަށް ޝުކުރު ދަންނާވަފައިވާކަމަށް ވެސް ކުރީގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
ސެކްރެޓޭރިއޭޓް އޮފް ދަ ފޯމާރ ޕްރެޒިޑެންޓް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާބިތާގެ މާލޭ އޮފީހުގެ މުދީރު އަބޫބަކުރު އަލީސްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ