ގއ. ވިލިނގިލި އަދި ކޮލަމާފުށިން އަބުރުފުޅު ފަންޑަށް 43 ހާސްރުފިޔާ

ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ގއ. ވިލިނގިލީ އަދި ކޮލަމާފުށީ ރައްޔިތުން 43 ހާސްރުފިޔާ ހަދިޔާ ކޮށްފިއެވެ. 
ބުރާސްފަތި ދުވަހުގެ ހަވީރު ގއ. އަތޮޅަށް ކުރި  ޒިޔާރަތައް ފަހު ރާއްޖެޓީވީގެ ޓީމް އެނބުރި އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރެވެ.  ގއ. ވިލިނގިލި އަދި ކޮލަމާފުށީގެ ރައްޔިތުންގެ ފަރާތުން ޖުމްލަ 43.038.72 ރުފިޔާ ލިބުނު އިރު ގިނަ ބަޔަކު ރާއްޖެޓީވީ ޖޫރިމަނާ ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 
 
މި ފަންޑު ފޮށި ބެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވި އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު އަދި ރަށު ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު އާއި ދެބޭފުޅުން ވެސް ވިދާޅުވީ، މިފަދަ ގޮތަކަށް ބްރޯޑްކޮމްއިން ރާއްޖެޓީވީ ޖޫރިމަނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެެން ނަމަވެސް ރާއްޖެ ޓީވީ ދެމިއޮތުމަށް ބޭނުންވާތީ ރާއްޖެޓިވީން ކުރާކޮންމެ ކަމެއްގައި ގއ. ވިލިނގިލީގެ ރައްޔިތުން އެންމެ ފުރިހަމައަށް ބައިވެރިވާނޭ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖެޓީވީއަށް އެހީތެރިވުމަށް ވިލިނގިލި އޮތީ ތައްޔާރަށް ކަމަށް އެބޭފުޅުން ވިދާޅުވިއެެވެ.
ރާއްޖެޓީވީގެ ނިއުސްޑިރެކްޓަރު ހުޝާމް މުހައްމަދު ވިދާޅުވީ ގއ. ވިލިގިނލި އަދި ކޮލަމާފުށީ ރައްޔިތުން މިފަހަރު ފަންޑްފޮށްޓަށް ޖަމާކޮށްދިން ފައިސާ އަކީ އެއްފޮށްޓަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަދަދު ކަމަށެވެ. އަދި އެ ސަރަހައްދުގެ ރައްޔިތުން މިކަމުގައި ނިކުމެ އުޅުއްވީ ވަރަށް ކެރިގެން ކަމަށް ހުޝާމް ވިދާޅުވިއެވެ. 
ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިޖޫރިމަނާކޮށްފައި ފަނީ މެމްބަރު މުސްތަފާ "ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކަވާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިއު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭ ގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫެރިއްޔާގެ ޤާނޫން އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް"ކަމަށް ބުނެ ހުށެހެޅިފައިވާ މައްސަލައެއް ބެލުމަށް ފަހުގައި ކަމަށެވެ. މި ލާރި އެކޮމިޝަނަށް އެއްމަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރު ކޮށްފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ