ރައްޔިތުން ބޭނުންވާނަމަ އިންތިގާލީ ސަރުކާރެއް ގެނެވޭނެ ކަމަށާއި އެކަމަށް ގާނޫނީގޮތުން ހުރަހެއް ނޯންނާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ޑރ.ހުސައިން މިހެން ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން 2018ގެ ރިޔާސީ އިންތިޚާބަށް އެއްކެނޑިޑޭޓް ނެރުމާއި ގުޅޭ ގޮތުން ވީޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.ހުސައިން ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓަކާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަކީ އެމަނިކުފާނުގެ އަމިއްލަ ޚިޔާލުފުޅު ކަަމަށެވެ. ކޮންމެ ޕާޓީއަކުންވެސް އެޕާޓީއެއްގެ އެތެރޭގައި މަޝްވަރާ ކުރުމަށް ކަންކަން ހުށަހެޅޭނެ ކަަމަށާއި އެއީ ޕާޓީތަކަށް ލިބިގެންވާ ހައްގެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އެކަމާމެދު އެމްޑީޕީ ތެރޭގައި މަޝްވަރާ ކުރުމަށް ކަމަށާއި އެކަން ހިނގަމުންދާ ކަަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ހުސައިން ވިދާޅުވީ ހަތަރު ލީޑަރުންގެ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރަމުންދާއިރު ކޮންމެ ޕާޓީއަކުންވެސް ބޭނުންވާ ކެންޑިޑޭޓަށް ފުރުސަތު ހޯދައިދިނުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއް ކެންޑިޑޭޓު ނެރުމަށް ގުޅިފައިވާ ޕާޓީތަކުން އަދި ނިންމާފައި ނުވާ ކަމަށާއި ގޮތެއް ނިންމާނީ ޕާޓީތަކުގެ އެތެރޭގައިވެސް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
"މީގައި ފައިދާ ބޮޑީ ކޮންގޮތަކަށްތޯ ބަލަންޖެހޭ. ކޮންމެ ޕާޓީއަކުން ކެންޑިޑޭޓަކު ނެރެގެން ފުރަތަމަ ބުރުގައި ވާދަކުރުމަށްފަހު ދެވަނަ ބުރަށް ދާ ކެންޑިޑޭޓަކަށް އެންމެން ތާއީދުކުރުމަކީ އެއްގޮތް. އަނެއް ގޮތަކީ އެއް ކެންޑިޑޭޓު ނެރެގެން ފުރަތަމަ ބުރުން ކާމިޔާބުކުރުން. އަޅުގަނޑުމެން މިބަލަނީ ރައީސް ޔާމީން ފަޅިން އިތުރު ކެންޑިޑޭޓަކު ނުނިކުންނާނެ ކަމަށް. އަޅުގަނޑުމެން އެންމެން އެއްކެންޑިޑޭޓު ނެރެފައި ޔާމީން އެކަނި ކުރިމަތިލައިފިނަމަ ދެވަނަ ބުރެއް ނުވެސް އޮންނާނެ. އޭރުން ވާއެއްޗެއް ވާނެ ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓުން ތިބިއްޔާ" ޑރ.ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ގައުމަށާއި ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ބެލުމަށް މަޝްވަރާ ކުރަންޖެހޭ ކަމަށާއި ޕާޓީތެރޭގައިވެސް އަދި އެހެން ޕާޓީތަކާއެކުވެސް އެ މަޝްވަރާ ކުރުމަށް ޖޭޕީން އޮތީ ތައްޔާރަށް ކަމަށެވެ. ރައީސް ނަޝީދު އިސްނަންގަވައި މިބަހުސް ފެއްޓެވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ އެންމެ ބޮޑު މަގުސަދަކީ ރައީސް ޔާމީނުގެ އަނިޔާވެރިކަމުން ގައުމު ސަލާމަތް ކުރުން ކަމަށެވެ.
ޖޭޕީގެ ނާއިބު ލީޑަރު ވިދާޅުވީ އަނިޔާގެ ވާހަކަ ދައްކަނީ އަނިޔާ ނެތި ނޫން ކަމަށާއި އެވާހަކަ ދައްކަނީ ހަގީގަތުގައިވެސް ރައްޔިތުންނަށް އަނިޔާ ދެމުންދާތީ ކަމަށެވެ. ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް މިސަރުކާރުގައި ހިނގާފައިވާއިރު އަދިވެސް އެކަންވީގޮތް ނޭނގޭ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވާ އެންމެ ބޮޑު ވައުދަކީ ކޮރަޕްޝަނާއި ފަސާދައިގެ ވެރިކަން ނިމުމަކަށް ގެނެސް، ގާނޫނުގެ ވެރިކަމެއް ގާއިމުކޮށްދިނުން ކަަމަށް އޭނަ ވިދާޅުވިއެވެ.
"ރާއްޖޭގައި ގާނޫނުއަސާސީއެއް އޮވެމެ، ގާނޫނުތަކެއް ހުރެމެ، އެގާނޫނުއަސާސީން ބައްޓަންކުރި ދައުލަތް މިހާރަކު ނުފެނޭ. ރާއްޖޭގެ ސިޔާސީ ލީޑަރެއް ހުރިއްޔާ މިވަގުތު ހުރީ ޖަލުގައި، ހައްޔަރުގައި ނުވަތަ އަރުވާލެވިގެން. ކިރިޔާވެސް ވާދަކޮށްފާނެހެން ހީވާ މީހަކު ހުރިއްޔާ އެހުރީ ފްރޭމްކޮށްފައި ބޮޑު ހުކުމެއް އިއްވާފައި. ރައީސްގެ އެއްވެސް ނުފޫޒެއް ފަނޑިޔާރުގެއަށް ނުފޯރުވާ ކަމަށް ވިދާޅުވި ނަމަވެސް މިފެންނަނީ އޮޓޮމެޓިކުން ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ޝަރުއީ ނިޒާމުގެ ތެރެއިން ހުކުމް ނިކުންނަމުންދާ ތަން" ހުސައިން ރަޝީދު ވިދާޅުވިއެވެ.
ޑރ.ހުސައިން ވިދާޅުވީ ރާއްޖޭގެ ކަންކަން މިއަދު ހިނގަނީ އެއްގޮތަަކަށްވެސް ގާނޫނުއަސާސީން ތަސައްވުރުކުރާ ގޮތަށް ނޫން ކަަމަށެވެ. ގެއްލިގެން ގޮސްފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާއި އަސާސީ ހައްގުތައް އަނބުރާ ހޯދައިދީ ގާނޫނުއަސާސީގެ ވެރިކަން އަނބުރާ ހޯދައިދީ އަދުލުއިންސާފު ހަމަހަމައަށް ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށެވެ. މިކަންކަން ހޯދައިދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގައި ސާބިތުވެ ދެމިތިބޭނެ ކަމަށާއި އަދި އެމަސައްކަތް ކާމިޔާބު ކުރާނެ ކަަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާނަމަ އިންތިގާލީ ސަރުކާރެއް ގެނެވޭނެ: ޑރ.ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ