ކަރަންޓުގެ މައްސަލަ ދިމާވަތާ ހަ މަސް، އަދިވެސް ހައްލެއް ނުލިބޭ: މަޑުއްވަރީ ކައުންސިލް

ކަރަންޓުގެ މައްސަލަ ދިމާވެފައިވާތާ ހަ މަސް ދުވަސް ވެއްޖެކަމަށާއި ކަރަންޓުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭކަމަށް ޕީޕީއެމް ޓިކެޓްގައި އިންތިޙާބް ވެވެޑައިގަތްނެވި މ. މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ހަސަން މަހާސިން ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މަހާސިން ވިދާޅުވީ ރަށުގެ އާ އިމާރާތަށް ޖަނަރޭޓަރުތައް ބަދަލުކުރި ފަހުން އެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ކަރަންޓުގެ ޙިދުމަތް ފޯރުކޮށް ނުދެވޭ ކަމަށެވެ. އަދި އިރުއިރުކޮޅާ ރަށުން ކަރަންޓުގެ ޙިދުމަތް މެދުކެނޑުމުގެ ސަބަބުން ސޫކުލްތަކުގެ ކޮންޕިއުޓަރުތަކަށާއި ކަރަންޓު ސާމާނުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ފެނަކައިން އެހެން ރަށް ރަށުގައި ހުރި ބާ ޖަނަރޭޓާރުތައް ރަށަށް ގެނެސްފައިވާ ކަމަށާއި އެހެންނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބޭކަމަށް މަހާސިން ވިދާޅުވިއެވެ.
މަހާސިން ވިދާޅުވީ ކަރަންޓުގެ މައްސަލަ ރަށަށް ދިމާވެފައިވަނީ ލޯޑު ބޮޑުވެގެންކަމަށެވެ. ކުރިއަށް އޮތީ ޢީދު ބަންދުގެ ދުވަސްވަރުކަމުން ރަށަށް ވަރަށް ގިނަ ރައްޔިތުންނާއި މެހެމާނުން ޒިޔާރަތް ކުރާނެކަމަށް ބެލެވޭ ކަމަށާއި އެ ހުރިހާ އެންމެން ރަށަށް ޒިޔާރަތްކުރާއިރު ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމަކީ ރަށަށް ވަރަށް ބޮޑަށް ގެއްލުންވާނެ އަދި ހިތާމަކުރަންޖެހޭ ކަމެއް ކަމަށް މަހާސިން ފާހަގަކުރެއްވިއެވެ.
މަހާސިން އިތުރަށް ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އުންމީދަކީ ރަށަށް އާ ޖަނަރޭޓަރެއް ގެނެވި ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުވެގެން ދިއުން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފެނަކަ ކޯފަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވީ ޖަނަރޭޓަރުތަކަށް ޓެކްނިކަލް މައްސަލަ އެއް ދިމާވިކަމަށާއި އެހެންނަމަވެސް މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.   
   
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ