ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގާ ރައްކާ ރޯޑް ޝޯވ ކުޅުދުއްފުށީގައި ބާއްވަނީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހުވާ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތަށް ފުލުހުން އިންތިޒާމްކޮށްގެން އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަމާއެކު ބާއްވާ ރައްކާ ރޯޑް ޝޯވ ހދ. ކުޅުދުއްފުށީ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ފުލުހުން ބުނީ، ރައްކާ ރޯޑް ޝޯވ ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ން 28 އަށް ކަމަށެވެ. އަދި މިރޯޑް ޝޯވ ކުޅުދުއްފުށީ ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ފުލުހުންގެ ޓީމެއް މިހާރު ދަނީ ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން ކަަމށާއި އެގޮތުން މި ޓީމުން ކުޅުދުއްފުށީގެ އެކި މުއައްސަސާތަކާ ބައްދަލުކުރުމުގެ އިތުރުން ރައްކާ ރޯޑް ޝޯވގެ އެކި ހަރަކާތްތަކަށް ކުޅުދުއްފުށީގައި ތައްޔާރީތައް ދަނީ ކުރަމުން ކަަމަށް ވެސް ފުލުހުން މައުލުމާތު ދެއެވެ.
ފުލުހުން ބުނީ، ރައްކާ ރޯޑް ޝޯވގެ ތެރެއިން ކުޅުދުއްފުށީގެ ޒުވާނުންނަށާއި ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އިސްރަށްވެރިންނާއި އާންމު ރައްޔިތުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާ، މުވައްޒަފުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެމްބަރުންނަށް މަޢުލޫމާތު ދިނުމަށް ސިމްޕޯޒިއަމްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ކުޅުދުއްފުށީގެ އެކި ސަރަޙައްދުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މެސެޖްތައް ހިމެނޭ ބެނާތަކާއި ބޯޑުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ފުލުހުން މައުލުމާތު ދެއެވެ.
މީގެއިތުރުންވެސް ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުޓްސަލް މުބާރާތަކާއި ޑިނަރ ނައިޓަކާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން އަންހެނުންގެ ނެޓްބޯޅަ މެޗަކާއި ރޯޑް ރެލީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހުވާ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތަށް ހިންގަމުންދާ ރައްކާ ރޯޑް ޝޯވއަކީ ފުލުހުން އިންތިޒާމްކޮށްގެން އެލައިޑް އިންސްއަރެންސްގެ އެހީތެރިކަމާއެކު 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކާމިޔާބު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ރައްކާ ރޯޑް ޝޯވ ބާއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ