ފެނަކަ ކޯޕަރޭޝަނުން ދެމުންގެންދާ ކަރަންޓުގެ އަގުން 38 ލާރި ހެޔޮކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވީ ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަދަލާއި ގުޅިގެން، ކަރަންޓުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށެވެ.
ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފު ވިދާޅުވީ، މި ބަދަލު ފެނިގެންދާނީ އަންނަ ޖުލައިމަހުގެ ބިލުން ކަމަށާއި، ހުސްވިމަހުގެ ބިލްގައި އެބައި ނުހިމެނި ހުރެދާނެކަމަށް،،
ނަމަވެސް އެމައްސަލަ ދިމާވެއްޖެނަަމަ ޖުލައިމަހުގެ ބިލުގައި އެބައި ހިމަނައިދޭނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ ތެލުގެ އަގު ހެޔޮކުރުމާއި އެކު އެކުންފުނިން ތެލަށްކުރާ ހޭދަވެސް ކުޑަވެގެންދާނެ ކަމަށާއި، އެހެންކަމުން އޭގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީން ރައްޔިތުންނަށް ލުޔެއް ހޯދަދިނުމަަކީ އެކުންފުނީގެ އަމާޒުކަމަށެވެ. އަދި ކަރަންޓުގެ އަގަށް ގެނައި ބަދަލު ބިނާވެގެންވަނީ ތެލުގެ އަގަށް އަންނަ ބަދަލެއްގެ މައްޗަށް ކަމަށާއި، މި ބަދަލު ހަމަ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ސަރުކާރުގެ ފަރާތުން ތެލަށް ބަދަލު މިގެންނެވީ އެއްވެސް ހާލެއްގަ ދުނިޔޭގެ މާކެޓްގަ ތެލުގެ އަގަށް އައި ބަދަލެއްގެ ގޮތުގައެއްނޫން. ހަމަ ކޮމެޓީއަކުން މިކަން ދިރާސާކުރެއްވުމަށްފަހު ސްޓްރެޓިޖިކަލީ ހަމަ ރައީސުލްޖުމުހޫރިއްޔާގެ އިޤްތިސޯދީ އެޖެންޑާގެ ދަށުން ހަމަ ރޭވިފައޮތް ކަންތައްތަކެއްގެ ތެރޭގަ އިޤްތިސޯދީ ކަންކަން ލުއިފަސޭހަކޮށް އިތުރު ހަރުދަނާކަމެއް ގެނައުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅެއް މީ." ޝަރީފު ވިދާޅުވި އެވެ.
ފެނަކަ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުން ޔުނިޓަކުން 38 ލާރި އަގު ހެޔޮކޮށްފައި ވާއިރު، ޝަރީފް ވިދާޅުވީ އަންނަ ޖުލައިމަހުން ފެށިގެން ކަރަންޓް ބިލް އަންނައިރު ބިލް ކުޑަވާނެ ކަމަށެވެ. އެގޮތުން ސުމަކުން ފެށިގެން 100 ޔުނިޓާއި ހަމައަށް ގާތްގަނޑަކަށް 17 ޕަސެންޓު ކުޑަ ވާނެ ކަމަށެވެ.
މީގެ އިތުރަށް ކަރަންޓުގެ ދެވަނަ ގެޓަގަރީ ކަމުގައިވާ 100 ޔުނިޓާއި 200 ޔުނިޓާ ދެމެދުން 15 ޕަސެންޓު އަދި އެންމެ ބޮޑުވެގެން 900 އާއި 1000ޔުނިޓާއި ދެމެދުގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ޑޮމެސްޓިކް ކެޓަކަރީންވެސް ބިލުގެ 9 އިންސައްތަ ހެޔޮވެގެންދާނެ ކަމަށެވެ. ޝަރީފު މި ބަދަލާއެކު އާއްމު ގޭބިސީތަކާއި ވިޔަފާރި ތަކަށްެސް 5 އިންސައްތަ އާއި 8 އިންސައްތަ ސަލާމަތްކުރެވޭނެ ކަމަށެވެ.
ކަރަންޓުގެ އަގަށް އައި ބަދަލު ދިގު މުއްދަތަކަށް ދެމިގެންދާނެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ