ގާސިމް ގެންނަން ފުލުހުންގެ އެހީއަށް އެދެން ޖެހިއްޖެ ނަމަ އެދޭނަން: ކަރެކްޝަންސް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ގެނައުމަށް ފުލުހުން ކައިރީ އެދެން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެދޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ. ގާސިމް އިބްރާހިމް ރާއްޖޭން ބޭރަށް ބޭސްފަރުވާ ކުރުމަށް އެންމެ ފަހުން ވަނީ ހަތް ދުވަސް އިތުރުކޮށްދީފަ އެވެ. އެ ހަތް ދުވަހުގެ މުއްދަތު ހަމަވާނީ މާދަމާ އަށެވެ. ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިއަދު 'ސަން' އަށް ވިދާޅުވީ ކަރެކްޝަނަލް ސާވިސްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ރާއްޖޭން ބޭރުގައި ނުވަތަ އެނޫން ވެސް ގޮތަކަށް ފިލައިގެން އުޅޭ ނަމަ ޕްރޮސީޖާގެ ދަށުން ފުލުހުންގެ އެހީތެރިކަމާ އެކު އެމީހަކު ހޯދާ ކަމަށެވެ. އެގޮތުން ގާސިމް އިބްރާހިމް ވެސް ރާއްޖެ އަންނަން ޖެހޭ ދުވަހު ނައިސްފި ނަމަ ގާސިމް ގެނެސްދިނުމަށް އެދި ފުލުހުންގެ އެހީތެރި ކަމަށް އެދޭނެ ކަމަށް ލުގުމާން ވިދާޅުވި އެވެ. ލުގުމާން ވިދާޅުވީ އެންމެ ފަހުން ގާސިމްއަށް އިތުރުކޮށްދިން ހަތް ދުވަހުގެ މުއްދަތަކީ ބޭސްފަރުވާއަށް ދިން ހަތް ދުވަސް ނޫން ކަމަށާއި އެއީ ރާއްޖެއައުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން ދިން ހަތް ދުވަސް ކަމަށެވެ. ބޭސްފަރުވާއަށް ގާސިމް އިބްރާހިމަށް ޖުމްލަ 27 ދުވަސް ވަނީ ދީފަ އެވެ. އެއީ އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދެމުންނެވެ. ގާސިމަށް ބޭސްފަރުވާގެ މުއްދަތު އިތުރުނުކޮށްދިން މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ގާސިމްގެ ފަރާތުން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. ގާސިމް އިބްރާހިމުގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ހިތުގެ ސިއްހީ މައްސަލަތަކެއް ކުރިމަތިވެ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ