ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާޕާސަންގެ މަގާމަށް ސައީދާ އުމަރު ހަމަޖައްސައިފި އެވެ.
ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ސައީދާ ހަމަޖައްސާފައި ވަނީ މިއަދު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުންނެވެ.
ގައުމީ ބޭންކްގެ ޗެއާޕާސަން ކަމަށް ހަމަޖައްސާފައިވާއިރު ސައީދާ ގެންދަވަނީ ގިނަ ސިޔާސީ މަގާމުތަކެއް އަދާކުރައްވަމުންނެވެ. އެ މަގާމުތަކަކީ؛ ރައީސް އަބްދުﷲ ޔާމީން އުފައްދާފައިވާ އިކޮނޮމިކް އެމްޕަވާމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރުކަމާއި، އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ ކޮންސަލްޓެންޓް ކަމުގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވޯކިން ގްރޫޕްގެ ކޯ ޗެއާކަމެވެ.
ސައީދާ ބީއެމްއެލްގެ ބޯޑަށް އައްޔަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. އޭނާ ބޯޑަށް އައްޔަން ކުރީ ސަރުކާރުގެ ފަރާތުންނެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޗެއާޕާސަން ކަމަށް ސައީދާ އައްޔަން ކުރީ އެ މަގާމުގައި ހުންނެވި ފަރީހާ ޝަރީފް ބީއެމްއެލްގެ ބޯޑުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ފަރީހާ ބޯޑުން ވަކިވެ ވަޑައިގަތީ ދެ އަހަރު ބޯޑުގައި މަސައްކަތް ކުރެއްވުމަށްފަހު އެވެ.
ބީއެމްއެލްގެ ބޯޑަށް ކުރިމަތިނުލާނެކަން އަހަރީ އާންމު ޖަލްސާގައި ފަރީހާ އިއުލާނު ކުރެއްވުމާ ގުޅިގެން ހިއްސާދާރުން ވަނީ ސުވާލު ވެސް ކޮށްފަ އެވެ. ޖަވާބުދެއްވަމުން ފަރީހާ ވިދާޅުވީ އެއީ އަމިއްލަ ނިންމުމެއް ކަމަށެވެ.
މިހާރު ބީއެމްއެލްގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ ފަރާތުން އައްޔަން ކޮށްފައިވާ ހަތް ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން ތަމްސީލުކުރާ ތިން ޑިރެކްޓަރުންގެ މައްޗަށެވެ.
ބޭންކް މޯލްޑިވްސްގެ ޗެއާޕާސަނަކަށް ސައީދާ އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ