މެލޭޝިއާގެ އަވަށެއްގެ ރައްޔިތުން ދުވަސްކޮޅަކަށް ކުކުޅު ވަރަ ކެއުން ހުއްޓާލަން ޖެހިއްޖެ

ރޯސްކުރި ކުކުޅު ވަރައަކީ، މެލޭޝިއާގެ މަގުމަތީ ކެއުންތަކުގެ ތެރޭގައި ހިމެނޭ މަގުބޫލު ކެއުމެކެވެ. މެލޭޝިއާގައި މަގުމަތީގައި ހުންނަ ގާޑިއާތަކުން އާންމު ގޮތެއްގައި މި ކެއުން ލިބެން ހުރެ އެވެ. އެކަމަކު ދާދި ފަހުން މެލޭޝިއާގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އެގައުމަށް އެތެރެ ކުރި ގިނަ އަދަދެއްގެ ފިނިކުރި ކުކުޅު ވަރަ ނައްތާލާފަ އެވެ. އަދި މެލޭޝިއާގެ ސިބޫ ސަރަހައްދުގެ އަވަށެއްގެ ރައްޔިތުން ވަނީ ދުވަސްކޮޅަކަށް ނަމަވެސް އެމީހުން ތެރޭގައި މަގުބޫލު މިކެއުމުން މަހުރޫމުވެފަ އެވެ.
ވޭތުވެދިޔަ ހަފުތާތެރޭގައި ސިބޫ ސަރަހައްދުގެ ކަސްޓަމްސް އޮފީހުން ހިފަހައްޓާފައިވާ 80 ޓަނުގެ ފިނިކުރި ކުކުޅު ވަރަ ވަނީ ނައްތާލާފަ އެވެ. މިތަކެތި ނައްތާލާފައިވަނީ ސިބޫގެ އަވަށެއް ކަމަށްވާ ތެލޮކް އެންގްކަލަތު ކައިރީ އޮތް ހުސްބިމެއްގައި ބޮޑެތި ވަޅުގަނޑުތައް ކޮނެ ވަޅުލައިގެންނެވެ. މިތަކެތި ވަޅުލިތާ މާގިނައިރުތަކެއް ނުވެ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ވާހަކަ ފެތުރުމާއި ގުޅިގެން ވީޑިއޯއާއި ފޮޓޯ ބަލައިގެން ތެލޮކް އެންގްކަލަތުގެ ރައްޔިތުން ވަނީ އެ ސަރަހައްދު ހޯދާފަ އެވެ. އަދި އެ ސަރަހައްދު ކޮނެ ވަޅުލާފައިވާ ގިނަ އަދަދެއްގެ ކުކުޅު ވަރަ ނަގައި ސާފުކޮށް އަގު ހެޔޮކޮށް ވިއްކާ ހަދާފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
މެލޭޝިއާގެ ނޫހެއް ކަމަށްވާ ސްޓްރައިޓް ޓައިމްސްއިން ހާމަކުރާ ގޮތުގައި ކަސްޓަމްސްއިން ނައްތާލި ކުކުޅު ވަރަތައް އާއްމުން ނަގައިގެން އަގު ހެޔޮކޮށް ވިއްކާ މައްސަލަ ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައުމާއި އެކު އަނެއްކާ ވެސް ވަނީ އެތަކެތި ހިފެހެއްޓުމަށް ފަހު ނައްތާލާފަ އެވެ. މި ފަހަރު އެތަކެތި ނައްތާލާފައިވަނީ ސިބޫ ސަރަހައްދުގެ ކުނިގޮނޑެއް ކައިރީގަ އެވެ. އަދި މެލޭޝިއާގެ ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ އާއްމުންގެ އަތުގައި ފޮރުވާފައި ހުރި ކުކުޅު ވަރަތައް ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކުރުމަށާއި، ހަވާލުނުކޮށް ހެޔޮ އަގުގައި އެތަކެތި ވިއްކާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަން އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން ތެލޮކް އެންގްލަކަތުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ މިވަގުތު އެ ސަރަހައްދުގައި ވިއްކާ ކުކުޅު ވަަރައިގެ އެއްވެސް ބާވަތެއް އާއްމުން ބޭނުން ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
މެލޭ މެއިލް އޮންލައިނަށް މައުލޫމާތު ދެމުން ސަރަހައްދީ ސަރުކާރުގެ ކަމާއި ބެހޭ އޮފިޝަލަކު ވިދާޅުވެފައިވަނީ ކުކުޅު ވަރަ މިދުވަސްކޮޅު ބޭނުން ނުކުރުމަށް އާއްމުންނަށް އިލްތިމާސް ކުރަން ޖެހުނީ އެއީ ކިހިނެތް ހޯދި ތަކެއްޗެއްކަމާއި އަދި އެތަކެތީގެ ކޮލިޓީގެ ޔަގީންކަން ކަށަވަރު ކުރެވިފައި ނުވާތީ ކަމަށެވެ.
ކުކުޅު ވަރަތައް އަލުން ނައްތާލާފައިވާއިރު އެތަކެތި އާއްމުންގެ އަތަށް އެރިޔަ ނުދިނުމުގެ ގޮތުން އެތަކެތި ނައްތާލި ސަރަހައްދުގައި ފުލުހުން 24 ގަޑިއިރު ފޯރިމަރަމުން ގެންގޮސްފައިވެ އެވެ.
ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކާބޯތަކެތި ނައްތާލުގެ އުސޫލުތަކާއި ހިލާފަށް ކުކުޅު ވަރަތައް ނައްތާލި މައްސަލާގައި އާއްމުން ގެންދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ