ފެލިދޫ ދާއިރާގެ މެންބަރު ނެތް ތަނެއްގައި އެކަން ކުރަން ހުރި މީހަކީ އަޅުގަނޑު: މަޖިލިސް ރައީސް

ފެލިދޫ ދާއިރާގެ މެންބަރު ނެތް ތަނެއްގައި އެމަސައްކަތް ކުރައްވަން ވެސް ހުންނެވީ އެމަނިކުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ވ. ފުލިދޫ ގިރެމުންދާ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، އިދިކޮޅު ޕީއެންސީގެ މެންބަރު ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ފަށަން އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވުމަށް އެޖެންޑާގައި ކަނޑައެޅިފައިވާ ވަގުތުގައި ފަޒުލް މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ނެތުމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ފަޒުލްރަޝީދާ އެކު ދެތިން މެންބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މެންބަރުން ޖަލްސާއަށް ވަޑައިނުގަތަސް އެކަން ފާހަގަ ނުވާ ކަމަށާއި، އެއީ ކުރިން ވެސް އެ މެންބަރުންނަކީ އެހާ ގިނައިން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުންނަށް ނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
ފަޒުލް ރަޝިީދު ޖަލްސާގައި ނެތުމުން އެ ގަރާރު މަޖިލީހަށް ހުށަހެޅެން ނެތްކަން ފާހަގަ ކުރައްވައި މަޖިލިސް ރައިސް ވިދާޅުވީ، ބައެއް ފަހަރަށް އެ މެންބަރަކަށް ގަރާރު ހުށަނޭޅިއްޖެނަމަ އޭނާ ނިސްބަތްވާ ސިޔާސީ ޕާޓިތަކުން މެންބަރަކު ގަރާރާ ހަވާލުވެގެން ކުރިއަށް ގެންދަވާ ކަމަށެވެ.
އެހެން ނަމަވެސް ފުލިދޫ ގިރަމުންދާ މައްސަލައާ ގުޅޭގޮތުން "އެ މެންބަރު ނެތް ތަނެއްގައި ހުރި މީހަކީ އަޅުގަނޑު،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ނެތްނަމަވެސް ގިރަމުންދާ މައްސަލަ އޮޅުން ފިލުވައިދީ، އެކަމަށް ކުރެެވެން އޮތްކަމެއް ބައްލައިދެއްވާނެ ކަމުގެ ޔަގީންކަން ފުލިދޫ ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި މެންބަރު މަޖިލީހަށް ވަޑައިގަތުމުން، މަސައްކަތް ކުރިޔަށް ގެންދެވިފައިވާ ހިސާބުން އެ މަސައްކަތް މެންބަރާ ހަވާލުކުރައްވާނެ ކަމަށްވެސް މަޖލިސް ރައީސް ވިދަޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ