މެމްބަރު ޝިޔާމުގެ ދިފާއުގައި ނައިފަރުގައި އަޑު އުފުލައި

ކައުންސިލްތަކުގެ ދައުރު ދަންމާލަން ހޯމަ ދުވަހުގެ ރޭ ބޭއްވި މަޖިލިސް ޖަލްސާގައި ހިނގި ހަމަނުޖެމުގައި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ތަކެއް އަނިޔާކޮށްފައި ވާކަމަށް ބުނާ މައްސަލާގައި ޝިޔާމް ނިސްބަތްވެ ވަޑައިގަންނަވާ ނައިފަރުގައި އަޑުއުފުލައިފިއެވެ.
ހޯމަ ދުވަހުގެ ބޭއްވި މަޖިލިސްގެ 2020 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 2 ވަނަ ޖަލްސާ ފެއްޓެވުމާއި އެކު، ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކާފުޅުގައި ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް ލަސްވީ އިދިކޮޅު ކޯލިޝަނުގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށް ވިދާޅުވުމުން، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާ މެންބަރު އަހުމަދު ޝިޔާމް މަޖިލިސް ރައީސްގެ ވާހަކަފުޅާއި ހިތްހަމަޖެހި ވަޑައިނުގެން، ހުރަސް އެޅުމުން އޭނާގެ ނަން މަޖިލިސް ރައީސް އިއްވެވިއެވެ.
ނަން އިއްވުމުން ޝިޔާމް މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހެއްދެވި އެވެ. އެއާއެކު، މަޖިލީހުގެ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ. އެކަމުގެ ތެރޭގައި މެމްބަރު ޝިޔާމަށް އަނިޔާވެގެން އެރޭ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ޕީއޭމުން ބުނެފައިވަނީ އެމްޑީޕީގެ މެމްބަރުން ޝިޔާމް ނެރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާގެ މައިބަދަ އާއި މޭކަށިގަނޑުގައި ރެނދު ލާފައިވާތީ ހަތަރު ހަފުތާ އަށް އަރާމު ކުރުމަށް ޑޮކްޓަރުން އަންގައިފައިވާ ކަމަށެވެ.
ޝިޔާމަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިއަދު ހަވީރު ނައިފަރުގެ ޕީޕީއެމް ޖަގަހަ ކުރިމަތީގައި ބޭއްވި އެއްވުމެއްގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އެ އެއްވުމުގައި ޝިޔާމުގެ ދިފާއުގައި ގިނަ ބަޔަކު ވަނީ ޝުއޫރު ފާޅުކޮށްފައެވެ.
ހޯމަދުވަހުގެ ރޭ މެންދަމު ބޭއްވި މަޖިލިސް ޖަލްސާގައި، ޝިޔާމް ތަޅުމުން ނެރުމުގައި ރިޔާސަތުން އަމަލު ކުރެއްވީ މަޖިލިސްގެ ޤަވާޢިދުގެ ޤަވާޢިދާ ޚިލާފަށް ކަމަށް ބައެއް މަޖިލިސް މެމްބަރުން ވަނީ ބުނެފައެވެ.
‏މަޖިލިހުގެ ޖަލްސާއެއް ހިގަމުންދާއިރު މަޖިލިހުގެ ރައީސްގެ އަމުރަށް މެމްބަރަކު ކިޔަމަން ނުވެއްޖެނަމަ ރިޔާސަތުން އަދި މެމްބަރުން ޢަމަލްކުރަންޖެހޭނެ ގޮތް މަޖލިހުގެ ޤަވާއިދުގެ 65 ވަނަ މާއްދާގައި ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.
މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ މެމްބަރުން ނުކުތުމަށް ދެކޮޅު ހަދާނަމަ މީގެ ކުރިން އެ މެމްބަރުން ތަޅުމުން ނެރެމުން އައީ މަޖިލީހުގެ ސެކިއުރިޓީ މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ