މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށަށް ކުޅިވަރު ކުޅުމުގެ ހުއްދަ ދެނީ

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް މިއަދު ނިންމައިފިއެވެ. އެކަމަކު، އެ ހުއްދަ ލިބޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން، މޮނިޓަރިން ހާލަތު އުވާލިތާ 14 ދުވަސްވެފައިވާ ރަށްރަށަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔެ އާއި ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ އިރު، އެ ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިން ހާލަތު ނިމިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުން ގިނަ އަދަދެއްގެ ޒުވާނުން ކުޅިވަރު ކުޅުމުގެ ހުއްދައަށް މިނިސްޓްރީގައި އެދެމުންދާ ކަމަށެވެ.
އެހެންވެ، އެކަމުގައި މިނިސްޓްރީން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި އެޗްޕީއޭގެ ލަފާ އަށް އެދުމުން އެދެތަނުން ލަފާ ދީފައި ވަނީ ރަށު ކައުންސިލްތަކުން އެ ރަށެއްގައި ކުޅިވަރު ކުޅުން މަނާ ކުރި އުސޫލުގެ ދަށުން ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިން ހާލަތުން ނެގިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމާ މެދުގައި އިއުތިރާޒެއް ނެތް ކަމަށެވެ.
ނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭ ކަމާއި ގައިދުރުކަން އިސްކަން ދޭން ހިތްވަރުދޭ ކަމަށް ޓެގާއި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ޔޫތު މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މޮނިޓަރިން ހާލަތުން ނެގިފައިވާތާ 14 ދުވަސްވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަން ޖެހިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ