އެމެރިކާ ރައްޔިތުން އީރާނަށް އެރުން މަނާކޮށްފި

އެމެރިކާ ރައްޔިތުން އީރާނަށް އެރުން އީރާނުން މަނާކޮށްފިއެވެ.
މިއީ، 90 ދުވަސްވަންދެން އީރާނުގެ ރައްޔިތުންނަށް ވިސާ ނުދޭން ނިންމަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައި ނެރުއްވި ގަރާރާ ގުޅިގެން އީރާނުން ރައްދުގައި އެޅި ފިޔަވަޅެކެވެ.
އީރާނުގެ ޚާރިޖިއްޔާއިން އާންކުރި ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުމަށް ވިސާ ނުދޭން ޓްރަމްޕް ނިންމެވުމަކީ އީރާނުގެ ރައްޔިތުންނަށާއި، މުސްލިމް އަނެއް ހަގައުމުގެ ރައްޔިތުންނަށްވެސް ކުރެއްވި ފުރައްސާރައެއް ކަމަށެވެ.
"އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން އެޅި ފުރައްސާރަކުރުމުގެ ފިޔަވަޅުގެ ރައްދު ފިޔަވަޅު އެޅުމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ނިންމައިފި. އެގޮތުން، އެމެރިކާގެ ރައްޔިތުން އީރާނަށް އެތެރެވުންވެސް މަނާ" ޚާރިޖިއްޔާގެ ބަޔާނުގައި ވެއެވެ.
އީރާނު ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާ ރައްޔިތުންނަށް އީރާނަށް އެތެރެވުމުގެ ހުއްދަދޭނީ، އެމެރިކާއިން އެޅި ފިޔަވަޅު އުވާލި ދުވަހަކުން ކަމަށެވެ.
އީރާނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އީރާނުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުމަށް ވިސާ ނުދޭން ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުމަކީ ޣައިރުގާނޫނީ އަމަލެއް ކަމަށެވެ. އަދި އެކަމަކީ ބައިނަލްއަގްވާމީ އުސޫލުތަކާވެސް ޚިލާފް، ވަރަށް ދެކޮޅުނުޖެހޭ ނިންމުމެއް ކަމަށެވެ.
އީރާނު ރައްޔިތުންގެ މިލިއަނަކަށްވުރެ ގިނަމީހުން މިހާރުވެސް އެމެރިކާގައި ދިރިއުޅެއެވެ.
އިރާގް، ލީބިޔާ، ސޯމާލިއާ، ސޫދާން، ސޫރިޔާ، ޔަމަން އަދި އީރާނުގެ ރައްޔިތުންނަށް ވިސާދިނުން 90 ދުވަހަށް ހުއްޓާލުމާ ގުޅިގެން އެމެރިކާއަށް ދަތުރުކުރާން އުޅުނު އެގައުމުތަކުގެ އެތައްބަޔަކު އެއަރލައިންތަކުން ވަނީ ބޯޓަށް އަރުވަން ދެކޮޅު ހަދާފައެވެ. ބައެއް އެއަރލައިންތަކުން މީހުންގެ ޓިކެޓް ކެންސަލް ކުރިއިރު، ގިނަމީހުންނަކީ އެމެރިކާގެ ވިސާވެސް ލިބިފައިވާ މީހުންނެވެ.
ވިސާ ކެންސަލްކުރުމުގެ ގަރާރުގައި ޓްރަމްޕް ސޮއިކުރެއްވި ވަގުތު އެމެރިކާއަށް ދިއުމުގެ ދަތުރުމަތީގައި ތިބި ބައެއް މީހުން އެމެރިކާއަށް ދިއުމާއެކު ހައްޔަރު ކޮށްފައިވާކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ