ޅ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފި

ޅ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހެނދުނު 6:00 އާ ހަމައަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ، ސަމާލު ނެރެފައިވާ ސަރަހައްދުގައި ހިމެނޭ 16 އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
އާންމު ގޮތެއްގައި ވައި ޖެހޭނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ނަމަވެސް ވިލާ ގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
މެޓް އޮފީހުން ބުނާ ގޮތުގައި، ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުން މި އަންނަނީ ހުޅަނގު މޫސުރުމުގެ ވިއްސާރައެވެ. އެގޮތުން ރާއްޖޭގެ އަތޮޅުތަކަށް ބޯ ވިއްސާރަވިލާ އަރާފައިވާއިރު ހުޅަނގުގައި އުފެދިފައިވާ ވިލާތައް ރާއްޖެއާ ކައިރި ވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު އިރުދެކުނު ބޭ އޮފް ބެންގޯލުގައި އުފެދިފައިވާ ތޫފާން “އަންޕަން”ގެ ބާރުގަދަވެ ތޫފާނަކަށް ވަނީ ބަދަލުވެފަ އެވެ. އަދި އެ ތޫފާން އިތުރަށް ބާރުގަދަވެ އުތުރު ބޭ އޮފް ބެންގޯލްގެ ތެރެއަށް ވަދެގެންދާނެ ކަމަށް ލަފާކުރެ އެވެ.
ނަމަވެސް ރާއްޖޭގެ މެޓް އޮފީހުން ބުނާ ގޮތުގައި، އެ ތޫފާނުގެ ވިއްސާރަ ރާއްޖެއަށް ކުރާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ