ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުންނެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ވަކާލާތު ކުރައްވާ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސް ޔާމީން އައްޔަންކުރައްވާފައިވާ މެންބަރު އަހްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.
މިމައްސަލައިގެ މައުލޫމާތު ދެއްވަމުން ސަލީމް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ދުސްތޫރީ މައްސަލައެއް ކަމަށާއި އެ މައްސަލައިގައި އެދިފައިވާނެ ކަމެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް މިމައްސަލަ ހުށަހެޅީ މައްސަލަ ސާބިތުކުރަން ބޭނުންވާ އެކަށީގެންވާ ހެއްކާއި ގަރީނާ އެބޭފުޅުންނަށް ލިބިފައިވާތީ ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއީ މިހާރު ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކަށްވާތީ ހެކިތަކާ ގުޅޭގޮތުން މިވަގުތު މީޑިއާގައި ވާހަކަދައްކަވަން ބޭނުން ނުވާ ކަމަށްވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ރިޔާސީ އިންތިހާބުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި މިވަނީ އެމަނިކުފާނަށް އިންތިހާބުގައި ލިބިވަޑައިގެންފައިވާ ބޮޑު ނާކާމިޔާބީއާއި ގުޅިގެން ބަލިގަބޫލުފުޅު ކުރެއްވުމަށްފަހު އޭގެ ދުވަސްތަކެއް ފަހުން އިންތިހާބުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަޕޯޓަރުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން މަގުމައްޗަށް ނިކުތުމަށް ގޮވާލެއްވުމަށްފަހު އެވެ.
ރައީސް ޔާމީންގެ މި ގޮވާލެއްވުމާ ގުޅިގެން ކޮންމެ ރެއަކުވެސް މަދު ބަޔަކު ގެންދަނީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި މުޒަހާރަކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ. އަދި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ