ނަޝީދު ބޭނުންވިޔަސް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ނުގެނެވޭނެ: އުމަރު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ވިދާޅުވީ ދިވެހި ރައްޔިތުން މީގެ ކުރިންވެސް ބަރުލަމާނީ ނިޒާމަަށް ނޫނެކޭ ބުނެފައިވާ ކަމަށާ، އެ ނިޒާމަކީ ރާއްޖޭގައި ވިއްކޭނެ ނިޒާމެއް ނޫން ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ދުވަހަކަށްވުރެ ދުވަހެއް ދާނީ ގޯސްވަމުން ކަމަށާއި އެގޮތުން ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވި ގޮތަށް ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދެއްކެވުމަކީ އެކަމުގެ އަލާމާތެއް ކަމަށް އުމަރު ވިދާޅުވިއެވެ.
ތިން އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހިޔާލުފުޅަކީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމާއި އެއީ ދިވެހިންނަށް އެންމެ ފައިދާ ހުރި ނިޒާމް ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ރާއްޖޭގައި ތައާރަފު ކުރުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ނަޝީދު ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި އެމީހުންގެ އަމިއްލަ ބަސް ބުނާ ވެރިކަމެއް ބާއްވަން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާ، އެކަމާއި ދެކޮޅަށް އެތައް ދިވެހިންނެއް ތެދުވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ނަޝީދު ކަމަށާ، މިހާރުވެސް އެމަންޒަރު ފެންނަން ފަށާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ