އައްޑޫގައި ހުޅުވީ އިންޑިއާގެ އަސްކަރީ މަރުކަޒެއް: އުމަރު

އައްޑޫގައި ހުޅުވި ފުލުހުސް އެކަޑަމީއަކީ ނަންފިލާގަނޑުގައި ކޮންމެ ނަމެއް ލިޔެގެން ހުޅުވި ތަނަކަށް ވިޔަސް، އެތަން މިހާރު ފަރުމާ ކޮށްފައި އެވަނީ އިންޑިއާގެ މިލިޓަރީ ބޭހެއްގެ ގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އިންޑިއާގެ އެހީގެ ދަށުން އައްޑޫގައި އިމާރާތްކުރި "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. އައްޑޫ ޕޮލިސް ކޮލެޖަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ތަމްރީނުކޮށް، ލޯ ސުކޫލެއް ޤާއިމް ކުރާނެ ތަނެކެވެ. ޕޮލިސް ކޮލެޖު ތަރައްގީކޮށްފައިވަނީ އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނޭ ގޮތަށެވެ. މި އެކަޑަމީ ރަސްމީކޮށް ހުޅުމާއި ގުޅުވައިގެން މީޑިއާއަށް އުމަރު މިއަދު ފޮނުއްވި މެސެޖްގައި ވިދާޅުވީ ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑުތައް ބޭނުން ކޮށްގެން ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ޢުމަރު ވިދާޅުވީ މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލައި ދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވައިދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަނދުތައް އިތުރުކޮށްފައިވުން ކަމަށެވެ. އަދި ވިދާޅުވީ އިއްޔެ ހުޅުވި އެ މަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސް ވުމަކީވެސް މި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. "އެއީ މެދުކެޑުމެއްނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން، ނުވަތަ ސިފައިން، ތަމްރީން ހޯދުމުގެ ނަމުގައްޔާއި ތަމްރީން ދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެމަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއް،" އުމަރުގެ މެސެޖްގައިވެއެވެ. އިންޑިއާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީން ވެސް ބޭނުން ވާނެކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވެފައިވަނީ އެހެންކަމުން ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތް ވެސް ލަސްތަކެއް ހަމަޖައްސާނެކަމާމެދު އެއްވެސް ޝައްކެއް ނުހިނގާ ކަމަށެވެ. "ދިވެހިރާއްޖެ އަށް އެންމެ ރަގަޅު ގޮތަކީ އިންޑިޔާގެ އުގަށް ވެސް އަދި ޗައިނާގެ އުގަށްވެސް ނުވެއްޓި "ނިއުޓްރަލް" ޤައުމެއްގެ ގޮތުގައި އޮތުން. އަދި އެއްވެސް ޤައުމަކާ ޖެހިނުގަނެ ތިބުން. އިންޑިޔާ އާއި ޗައިނާ ގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިޤްތިސާދީ ގޮތުން ވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތް،" އުމަރުގެ މެސެޖުގައިވެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަ ކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ އުމަރުގެ މެސެޖް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ރާއްޖޭގައި ބެހެއްޓި 10 ރާޑަރު ސްޓޭޝަނަކީ ވެސް އިންޑިޔާގެ ސަލާމަތަށް ޓަކައި ބެހެއްޓުނު ތަކެތި ކަމަށާއި އެ ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާގެ އުޅަދު ތަކަށް ފާރަލުމާއިއެކު އިންޑިޔާކަޑުގެ މައްޗަށް ބާރުގަދަ ކުރުން ކަމަށެވެ. މި ކޮލެޖް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ އެފަދަ ދީލަތި ބޮޑު އެހީއެއް ވެދެއްވި ކަމަށް ޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާ ސަރުކާރަށާއި، އިންޑިއާގެ އެކުވެރި ރައްޔިތުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ