ޝައްފާންގެ ގާތިލުންގެ އިސްތިއުނާފް ބަލަން ސުޕްރީމް ކޯޓުން އަންގައިފި

ތޫނު އެއްޗަކުން ހަމަލާދީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އުމުރުން 14 އަހަރުގެ އިސްމާއިލް ޝައްފާން މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ހަތަރު މީހުންގެ އިސްތިއުނާފް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގައިިފިއެވެ. އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު، ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހު، ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމްގެ މައްޗަށެވެ. އެ މީހުންގެ ތެރެއިން ނިހާދުއާއި ޖައިލަމްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ދައުލަތުން އުފުލިއިރު، އައިމަންއާއި ނަބާހުގެ މައްޗަށް އުފުލައިފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމަށް އެހީތެރިވި ކަމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަށް ވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅައި 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. ހަތަރު މީހުންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން މިދިޔަ ޖޫން މަހު ނިންމާފައިވަނީ އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދިނުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ މަގްބޫލް އުޒުރެއް ނެތި އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތު ފަހަނައަޅާ ގޮސްފައި ވުމެވެ. އެ މައްސަލަ ހަތަރު މީހުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓަށް އަންގާފައިވަނީ އިސްތިއުނާފް ބަލައިގަތުމަށެވެ. ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ މައްސަލަ ރައްދުވާ ފަރާތަށް ދަށު ކޯޓުން ލިޔުންތައް ލިބުމުގައި ގިނަ ދުވަސް ނަގާފައިވުމެވެ. އެހެން ކަމުން ހަތަރު މީހުންގެ ފަރާތުން 10 ދުވަސް ތެރޭގައި ހައި ކޯޓުގައި އަލުން އެ މައްސަލަ އިސްތިއުނާފް ކުރަން ޖެހޭނެއެވެ. ޝައްފާނަށް ހަމަލާދީ މަރާލައިފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ސަބްދޭރިޔާ މަގު، ގ. ރޯޒީގެ ކައިރީގައި ހުއްޓައެވެ. އޭނާއަށް ހަމަލާދީފައި ވަނީ އެރޭ މެންދަމު 2:00 ހާއިރުއެވެ. އޭނާއަށް ހަމަލާ ދިންތާ ފަސް ވަރަަކަށް މިނިޓުތެރޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައެވެ. ތޫނު އެއްޗަކުން ހަމަލާދީ ޝައްފާނު މަރާލާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ