ރެއާލް އިން 35 ވަނަ ފަހަރަށް ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދާ ލީގު ޓައިޓަލް ކާމިޔާބު ކޮށްފި

މެޑްރިޑް(އޭޕްރީލް30) ރެއާލް މެޑްރިޑުން، 35 ވަނަ ފަހަރަށް ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ހޯދާ ލީގު ޓައިޓަލް ކާމިޔާބު ކޮށްފިއެވެ.
ރެއާލްއިން ލީގު ޓައިޓަލް ކަށަވަރުކުރީ، ހޮނިހިރު ދުވަހުގެރޭ އެސްޕަނިޔޯލްގެ މައްޗަށް 4-0 ން މެޗް ކާމިޔާބު ކޮށްގެންނެވެ. ރެއާލް އިން ލީގު ކަށަވަރުކުރިއިރު އެޓީމަށް ލީގުގައި އަދި ބާކީ ހަތަރު މެޗު އެބައޮތެވެ. ރެއާލްއަށް ވަނީ މި މެޗުން ހޯދި މޮޅާއެކު ލީގުގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު 34 މެޗުން 81 ޕޮއިންޓު ހޯދައިފައެވެ. ރެއާލް އާއި އެންމެ ގާތުން ވާދަކުރާ ބާސެލޯނާ ލީގު ތާވަލުގެ ތިންވަނައިގައި 63 ޕޮއިންޓާއި އެކު އޮތް އިރު 64 ޕޮއިންޓާއި އެކު ދެވަނައިގައި އޮތީ ސެވިއާއެވެ.  މި ދެޓީމަށްވެސް ބާކީ އޮތް މެޗުތައް ކާމިޔާބު ކޮށްގެންވެސް ރެއާލް އާއި އެއްވަރަށް ޕޮއިންޓެއް ނުހޯދޭނެއެވެ.
މިމެޗުގައި ރެއާލް އިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މާސެލޯ ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު ރެއާލަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯ އެވެ. އަދި ފުރަތަމަ ހާފު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް ރޮޑްރިގޯ ވަނީ އިތުރު ލަނޑެއް ޖަހާ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.
ރެއާލް އިން މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 55 ވަނަ މިނެޓުގައެވެ. ކަމަވިންގާގެ އެސިސްޓަކުން މިލަނޑު ރެއާލަށް ކާމިޔާބު ކޮށްދިނީ މާކޯ އެސެންސިއޯ އެވެ. އަދި ރެއާލް އިންޖެހި ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ  މެޗުގެ 80 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ވިނީޝިއުސް ވަރަށް ރީތިކޮށް އޭރިއާ ތެރެއަށް ފޮނުވާލި ރީތި ބޯޅައަކުން މުޅިން ހުސްކޮށްހުރި ބެންޒެމާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންކާމިޔާބު ކުރި ރީތި ލަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ