ގްރޫޕަކަށް ފޮނުވި މެސެޖަކާ ގުޅިގެން ގާޒީ ނައީމްގެ މައްސަލަ ބަލަނީ
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ "ކަރު ބުޑުގައި ރަހަލާ ވަރު ކުރަން" ޖެހޭ ކަމަށް ފަނޑިޔާރުން ހިންގާ ނުރަސްމީ ގްރޫޕެއްގައި ލިޔުނު ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.އޭނާ އެ މެސެޖް ފޮނުއްވީ އެޗްޑީސީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމި ހަބަރެއް އެހެން ފަނޑިޔާރަކު އެ ވައިބާ ގްރޫޕްގައި ހިއްސާކުރެއްވުމުން ފަނޑިޔާރުންނަށް ފްލެޓް ހަމަޖެއްސުމާ ގުޅުވައިގެންނެވެ. "އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ ކަރު ބުޑުގައި ރަހަލާ ވަރުގެ ކަންތައް ކޮށްގެން މެނުވީ މި ކަންކަން ރަނގަޅެއް ނުވާނެ،" ގާތްގަތްގަނޑަކަށް 163 ފަނޑިޔާރުން ތިއްބަވާ ވައިބާ ގްރޫޕުގައި ނައީމް ލިޔުއްވާފައި ވަނީ މިހެނެވެ.ޖޭއެސްސީން ބުނީ ފަނޑިޔާރު ނައީމުގެ މައްސަލައެއް ބަލަން ނިންމީ ސޯޝަލް މީޑިއާ ގްރޫޕަކަށް އޭނާ ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް ބޭނުން ކުރައްވާފައިވާތީ ކަމަށެވެ.ފަނޑިޔާރު ނައީމުގެ މައްސަލަ ބަލަނީ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގަ އެވެ. އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން މިހާރު ވަނީ ތަހުގީގު ކޮމިޓީ ވެސް އެކުލަވާލާފަ އެވެ.ކުރިން ބައެއް ކޯޓުތަކުގައި އިސް ފަނޑިޔާރު ކަން ވެސް ކުރައްވާފައިވާ ފަނޑިޔާރު ނައީމަކީ މީގެ ކުރިން ވެސް ބައެއް ކަހަލަ މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާ ފަނޑިޔާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ