ޓޫރިޒަމް ދާއިރާގެ 560 މުވައްޒަފަކަށް ވެކްސިން ދީފި

ފަސް ދުވަހުގެ ތެރޭ ޓޫރިޒަމް ދާއިރާގެ 560 މުވައްޒަފަކަށް ކޮވިޑް ވެކްސިން ދީފި އެވެ.
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. ޓޫރިޒަމް ދާއިރާއިން ރިސޯޓުތަކުގެ މުވައްޒަފުންނާއި ގެސްޓްހައުސް މުވައްޒަފުންނާއި އެއާޕޯޓް ރެފުންނާއި ސަފާރީ މުވައްޒަފުންގެ އިތުރުން ރިސޯޓުތަކަށް ގޮސް އުޅޭ ފަންނާނުން ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވެ އެވެ.
މީގެ ތެރެއިން އެންމެ ގިނަ ވެކްސިން މިހާތަނަށް ޖަހާފައިވަނީ އެއާޕޯޓު ރެޕުންނަށެވެ. އެގޮތުން 250 އަށް ވުރެ ގިނަ އެއާޕޯޓް ރެޕުންނަށް ކޮވިޑް ވެކްސިން ދީފައިވެ އެވެ.
އިންޑިއާ އިން ދިން ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ޖަހަމުން އަންނަ އިރު ޓޫރިޒަމް ދާއިރާ އަށް 10،000 ޑޯޒް ހާއްސަކޮށްފައިވެ އެވެ. މިއީ 5،000 މީހުންނަށް ފުދޭ ވަރެވެ. ޓޫރިޒަމް ދާއިރާގައި 51،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ރިސޯޓުތަކަށް ގޮސް ވެސް ވެކްސިން ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށި އިރު މިހާތަނަށް އެކި ދާއިރާގައި ހިމެނޭ 20،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ