މޭޔަރ ކަމަށް އަނަސް ހޮވަން އަޅުގަނޑުމެން އެންމެންނަށް މަޖުބޫރު: ނަޝީދު

މާލޭ ސިޓީގެ މޭޔަރުކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް ޢަބްދުއްސައްތާރު ހޮވަން މަޖުބޫރުކަމަށް އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއެކު ބޭއްވި ރަށްވެހި ފަތިސް ގަލޮޅު ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، މާލޭ މޭޔަރުކަމަށް އަނަސް ހޮވަން އެންމެންނަށް މަޖުބޫރު ކަމަށާއި، އަދި އެމްޑީޕީގެ ސިޓީ ކައުންސިލެއް އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.
"އެއްވެސް ސަބަބަކާ ލައިގެން، އެމްޑީޕީގެ ސަޕޯޓަރެއް ވެސް، އެމްޑީޕީގެ މެންބަރެއްވެސް އެހެން ގޮތަކަށް މިފަހަރު ވިސްނަވާކަމަށް ވަނީ ނަމަ، އަޅުގަނޑު ދަންނަވާނީ އަލުން އަނބުރާ މުރާޖާ ކުރައްވާށޭ ތިބޭފުޅާ އަމިއްލަ ވިސްނުން. ވިސްނަވާށޭ،"ނަޝީދު ވިދާޅުވި އެވެ.
އެގޮތުން ނަޝީދު ވަނީ އެއްވެސް ސަބަބަކާ ހެދި، އެމްޑީޕީއަށް ވޯޓު ނުދޭން ވިސްނައިގެން ތިބި އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުންގެ ވިސްނުން މުރާޖާކުރަން އެދިވަޑައިގެންފައެވެ. އަދި ސިޓީ ކައުންސިލެއް މުއައްސަސާއެއް ގޮތަށް ހެދުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށެވެ.
"ސިޓީ ކައުންސިލް މުއައްސަސާއެއްގެ ގޮތުގައި ތަރައްޤީކުރުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އަމާޒެއް. އެގޮތުން އެކިއެކި ޑިޕާޓްމަންޓު އެކުލަވާލައި، ކައުންސިލްގެ ސެކެޓްރީ ޖެނެރަލްއަކީ ވެސް ވަރުގަދަ ޝަޚުސިއްޔަތަކަށް ހަދަން ބޭނުން." ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ