އަންނަ މަހު ބާއްވާ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި އެޕާޓީގެ އިންތިގާލީ ރައީސް މައުމޫންގެ އެހީތެރިކަން ލިބި ވަޑައިގަންނަވާނެ ކަމަށް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ މައުމޫންގެ ކޮއްކޯފުޅު އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ވީޓީވީން ގެނެސްދޭ އަމީންގެ މަލާފަތް ޕްރަގްރާމްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ ޕްރައިމަރީގައި އޭނާއާއެކު އުމަރު ވާދަކުރެއްވި ނަމަވެސް ރައީސް މައުމޫންގެ އެހީތެރިކަން އޭނާއަށް ލިބޭކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
އަދި ރައީސް މައުމޫން ބޭނުންފުޅުވަނީ 2013 ކާމިޔާބު ކުރެވޭވަރުގެ ބޭފުޅަކު ޕީޕީއެމްއިން ނެރުމަށް ކަމަށާއި އެހެން ކަމުން މައުމޫންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
"ރައީސް މައުމޫން ވެސް ބޭނުންފުޅުވަނީ 2013 ކާމިޔާބު ކުރެވޭވަރުގެ ބޭފުޅަކު ޕީޕީއެމްއިން ނެރުމަށް. އެހެން ކަމުން މައުމޫންގެ އެހީތެރިކަން ލިބޭނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިއަދު ވިދާޅުވީ ޕްރައިމަރީގައި އޭނާއާއެކު ވާދަ ކުރައްވާ ޕާޓީގެ އިންތިގާލީ ނައިބު ލީޑަރު އުމަރު ނަސީރު ބަލި ކުރުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އޭނާއާއެކު ޕާޓީގެ ގިނަ މެންބަރުންތަކެއް އެބަތިބި ކަމަށާއި ޕްރައިމަރީގައި އޭނާ ހޮވަން ޕާޓީގެ ލީޑާޝިޕުންނާއި އާންމު މެންބަރުން މަސައްކަތް ކުރުމަށް ވެސް ޔާމީން ގޮވާލެއްވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް ޔާމީންގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށް އުމަރު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް މައުމޫން ދާދި ފަހުން ވިދާޅުވެފައިވަނީ ޕްރައިމަރީގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކަށް އެމަނިކުފާނު ތާއީދުނުކުރައްވާނެ ކަމަށާއި އެހެންނަމަވެސް ޕްރައިމަރީއިން ކޮންމެ ބޭފުޅަކު ހޮވިވަޑައިގެން ކަމުގައިވިޔަސް އެބޭފުޅަކަށް ތާއީދުކުރައްވާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ 2013ގެ އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ ޕީޕީއެމް ވަޅުޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި 2013 އިގެ އިންތިޚާބު ކާމިޔާބު ނުވެއްޖެނަމަ 2014 ގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ވެސް ޕީޕީއެމަށް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.
އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ޑީއާރުޕީ ނުވަތަ ރައީސް މައުމޫން ބަލިވުމުން ޑީއާރުޕީ އަނދަވަޅަކަށް ވެއްޓުނު ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެޕާޓީ ކޮޅަށް ޖެހުމުގައި އިސް ދައުރެއް އަދާކުރެއްވީ އޭނާ ކަމަށް ޔާމީން މިއަދު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕީޕީއެމް ވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން 4،902 މެމްބަރުން އިތުރުވެ ޕީޕީއެމް ވަނީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީގެ ޝަރަފު އެޕާޓީ އާއި އެންމެ ވާދަވެރި ޑީއާރުޕީ ވައްޓާލުމަށްފަހު ހޯދާފައެވެ. ޕީޕީއެމްގައި 22،802 މެމްބަރުން މިހާރު ތިބިއިރު ޑީއާރުޕީއިން 2،615 މެމްބަރުން މަދުވެ އެޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 22،575 އަށް ވެއްޓިފައެވެ.
އަދި ޕީޕީއެމް އުފެދުނު ފަހުން ބޭއްވި 17 ބައި އިލެކްޝަންގެ ތެރެއިން 14 ބައި އިލެކްޝަން ޕީޕީއެމްއިން ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 17- 19 އަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި އުމަރާއި ޔާމީން ވާދަކުރައްވާނެ ކަމަށް މިހާރު ބެލެވިފައިވާއިރު އެޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި ބޭފުޅަކީ ހަމައެކަނި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އެވެ.
އެ ޕާޓީގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ އިންތިގާލީ ނާއިބު ރައީސްކަން މިހާރު ވެސް ކުރައްވާ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަދި ޕީއޭގެ ކުރީގެ އެގްޒެކެޓިވް ޗެއާމަން ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) އެވެ.
ޕާޓީގެ ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ވިލިމާފަންނު ދާއިރާގެ އަހުމަދު ނިހާން ހުސެއިން މަނިކާއި ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ޒަމީރު އޭނާގެ ނަން އަނބުރާ މިހާރު ވަނީ ގެންދަވާފައެވެ.
ރިޔާސީ ޕްރައިމަރީގައި މައުމޫންގެ އެހީތެރިކަން ލިބޭނެ - ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ