އައްޑޫ ދަރުބާރުގެއަށް 800 މިލިއަން ރުފިޔާ ހޭދަކުރި - އަލީ އާރިފް

ސާކް ސަމިޓު ބޭއްވުމަށްޓަކައި އައްޑޫ ސިޓީގެ ހިތަދޫ ދަރުބާރުގެ އަޅަން ރައްޔިތުންގެ މަޖިލިސްއިން ފާސްކޮށްދިނީ 231 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމުގައި ވިޔަސް ދަރުބާރުގެއަށް 800 އެތައް މިލިއަން ރުފިޔާއެއް ޙަރަދުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
އައްޑު އަތޮޅު ޝަރަފުއްދީން ސްކޫލުގައި ޕީޕީއެމްއިން މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ އަރިފް ވިދާޅުވީ ދަރުބާރުގެ އެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައިގެން 231 މިލިއަން ރުފިޔާ ފާސްކޮށްދިން ނަމަވެސް އެތަނުގެ ނަމުގައި ކުރީ ސަރުކާރުން އެއަށްވުރެން ބޮޑު އަދަދެއް ނަގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޙަބަރު ލިބޭ ގޮތުގައި އެތަނުގެ ނަމުގައި 800 އަށްވުރެން ގިނަ މިލިއަން ރުފިޔާ އެތަނުގެ ނަމުގައި އެމީހުން ނަގައިފި، އެތަނުން ހޭދަކުރި ކަމަށް ބުނެ ނަގައިފި، އަޅުގަނޑުމެން އެކަން މިދަނީ ބަލަމުން، އެމީހުން ފަހަތުން އަޅުގަނޑުމެން ދާނަން، އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ކޮންމެ ފައިސާއަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެ." އަލީ އާރިފް ވިދާޅުވި އެވެ.
އަލީ އާރިފް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ހަދާފައި ހުރިތަނެކޭ ކިޔާފައި އެބޭފުޅުން ދަރުބާރުގެ ރޯކޮށްލުމަށް ނުދާނެ ކަމަށާއި ބަޔަކު ދިޔައަސް އެކަން ހުއްޓުވާނެ ކަމަށެވެ. ސަބަބަބެއް ކަމަށް ވިދާޅުވީ ދުވަހެއްގެ ކޮޅުން ވެސް އައްޑޫ ރައްޔިތަކަށް އޭގެ މަންފާއެއް ލިބިދާނެތީ އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫން 1978 އަހަރު ވެރިކަމަށް ވަޑައިގެންނެވީ 35 މިލިއަން ރުފިޔާގެ ބަޖެޓަކާއެކީގައި ކަމަށާއި ފައިބައި ވަޑައިގެންނެވިއިރު ދުވާލަކަށް 35 މިލިއަން ރުފިޔާ ހައްދަވާދެއްވާފައިވާ ފައިބައިވަޑައިގެންނެވި ކަމަށެވެ. އަދި ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތުން ހޭދަކުރާ 4 ސްކޫލް ހުރި ނަމަވެސް ފައިބައި ވަޑައިގެންނެވިއުރު 200 އެތަކެއް ސްކޫލެއް ހުންނާނެ ކަމަށެވެ.
އަލީ އާރިފް ވިދާޅުވީ މައުމޫން ވެރިކަމަށް ވަޑައިގެންނެވިއިރު އެމަނިކުފާނާއި އެކީގައި ތިއްބެވީ 65 ޑިގްރީ ހޯލްޑަރުން ކަމަށާއި ނަމަވެސް ފައިބައި ވަޑައިގެންނެވިއިރު އެ އަދަދު 3،000 އަށް ހައްދަވާދެއްވާފައިވާ ކަމަށެވެ.
"ދަންނަވާލަން މިއުޅެނީ އެއްކަލަ އޯގާތެރި ކަމަށް ދައުވާ ކުރި، ދެފުށް ފެންނަ ކަމަށް ދައުވާކުރި، ކޮރަޕްޝަން ނައްތާލާނެ ކަމަށް ދައުވާކުރި، މި ގައުމުން ފައިބައިގެން ދިޔައިރު ރައީސް މައުމޫންގެ 30 އަހަރު ދަރަނި ކަމަށް އޮތީ 10 ބިލިއަން ވަރު، އެކަމަކު އެއްކަލަ އޯގާތެރި މީހުން 3 އަހަރު ތެރޭގައި ފައިބައިގެން ދިޔައިރު 23 ބިލިއަންއަށް ހަދާފައި ދިޔައީ، އަޅުގަނޑު އާދޭހާއެކު މިދަންނަވަނީ ހެޔޮ ނުވާނެ އޭ މިގައުމުގެ ތަޙްތުގެ ވަސް ވެސް ފޯރާ ހިސާބަށް އެއިން މީހަކު އަޔަ ނުދެއްޗޭ." ވައިކަރަދޫ ދާއިރާގެ އަލީ އާރިފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ