ޕްރޮސެކިއުޓަ ޖެނަރަލް އޮފީހުގެ މައްސަލަތައް ބަލައިގަތުމަށާއި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކުރުމުންވެސް ޕީޖީ އޮފީހުގެ މައްސަލަތައް މިއަދު ވެސް ބަލައިނުގަނެ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުން ފޮނުވި މައްސަލަތައް ކްރިމިނަލް ކޯޓުން ފޮނުވާލީ ސުޕްރީމް ކޯޓުގެ އަމުރު އެކޯޓަށް ލިބިފައި ނުވާތީ ކަމަށް ބުނުމަށްފަހު ކަމަށެވެ. ނަމަވެސް ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ ޒިންމާ އަދާކުރުމުގެ ގޮތުން މާދަމާވެސް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މައްސަލަތައް ފޮނުވާނެ ކަމަށެވެ.
"ކްރިމިނަލް ކޯޓުން މިވަނީ އަންގާފައި އެބޭފުޅުންނަށް ސުޕްރީމް ކޯޓުގެ އަމުރު ނުލިބޭ ކަމަށް. އެހެންކަމުން މާދަމާ އަޅުގަނޑުމެން ފޮނުވާ ކޮންމެ މައްސަލައެއް ފޮނުވާނީ ސުޕްރީމް ކޯޓުގެ އަމުރުގެ ކޮޕީއެއްވެސް ހިމަނައިގެން" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ކްރިމިނިލް ކޯޓަށް ފޮނުވާ މައްސަލަތައް ބަލައިގަތުން މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ކޯޓުން މެދުކަނޑާލީ ޕީޖީގެ ގާނޫނުގައި ޕީޖީގެ މަގާމު ހުސްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވަންޖެހޭނެ ކަމަށް ބުނެފައިވާތީ އެމުއްދަތުގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވިފައި ނުވާ ކަމަށް ބުނެ އެވެ. ނަމަވެސް ކޯޓުން އެދުވަހު ބުނީ ސުޕްރީމް ކޯޓުން އަންގާ ގޮތަކަށް އަމަލުކުރާނެ ކަމަށެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަންނަ ސަބަބެއް ސާފުކުރުމަށް ގުޅާލުމުން ކޯޓުގެ އޮފިޝަލުން ފޯނަށް ޖަވާބެއް ނުދެއްވާތީ ކްރިމިނަލް ކޯޓުގެ ބަހެއް ވަނީ މިމައްސަލައިގައި ލިބޭ ގޮތް ނުވެފަ އެވެ.
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލަނުގަންނަނީ ހަމައެކަނި ކްރިމިނަލް ކޯޓުންނެވެ.
ޕީޖީ އޮފީހުގެ މައްސަލަތައް މިއަދުވެސް ކޯޓުން ބަލައެއް ނުގަނޭ: ޝަމީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ