ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހަޅައިފި

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ތަކުގެ ތެރެއިން ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށް އެމްޑީޕީގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އަލްހާން ފަހްމީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އަލްހާންގެ ކޮއްކޮ އަދި ގާނޫނު ވަކީލް ނޫރުބާން ފަހްމީ ވިދާޅުވީ މައްސަލަ ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށާއި، އެމްޑީޕީން މަޖިލިސް އިންތިހާބަށް ފޭދޫ ދާއިރާގެ ޓިކެޓް ދީފައިވާ ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލްކުރުމަށް ކަމަށެވެ. މިމައްސަލަ ހުށަހެޅީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި، އެމްޑީޕީގެ ފޭދޫ ދާއިރާއަށް ޓިކެޓް ދީފައިވާ ކެންޑިޑޭޓުގެ ޓިކެޓް ބާތިލްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް މައްސަލައިގައި އެދިފައިވާނެ ކަމަށް ނޫރުބާން ވިދާޅުވި އެވެ.
"މީގައި މަޖިލިސް އިންތިހާބުގެ ފޭދޫ ދާއިރާގެ އިންތިހާބު ހުއްޓުވައިދިނުމަށް އެދިފައެއް ނުވާނެ. މިއީ އަދި ޕްރައިމަރީގެ މައްސަލައެއް ވީމާ އެގޮތަށް އެދިފައެއް ނުވާނެ،" ނޫރުބާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދީފައިވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކުރުމަށް އަލްހާން ސިވިލް ކޯޓަށް މިއަދު ހެނދުނު މައްސަލަ ހުށަހެޅުމުގެ ކުރިން އޭނާ ވަނީ މިމައްސަލަ ހައިކޯޓަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމީ މިމައްސަލަ ބެލުމުގެ އިހްތިސޯސް ހައިކޯޓަށް ލިބިފައި ނުވާތީ ކަމަށް ކޯޓުން އަންގާފައިވާ ކަމަށް ނޫރުބާން ވިދާޅުވި އެވެ،
އޭނާ އިތުރުަށް ވިދާޅުވީ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް އަދި މައްސަލަ ބަލައިގެންފައިވާ ކަން ކޯޓުން އަންގާފައި ނުވާ ކަމަށެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް މަޖިލިސް އިންތިހާބުގެ ޓިކެޓް ހޯދާފައިވަނީ މުހައްމަދު ނިހާދު އެވެ. ފޭދޫ ދާއިރާގެ ޕްރައިމަރީގައި ނިހާދަށް 316 ވޯޓް ލިބިވަޑައިގެންފައިވާއިރު، އަލްހާނަށް ލިބިވަޑައިގެންފައިވަނީ 154 ވޯޓެވެ.
ޕްރައިމަރީގެ މައްސަލަތައް އެމްޑީޕީގެ ކަމާއި ގުޅުންހުރި ކޮމިޓީ ތަކަށް އަލްހާން ހުށަހެޅުއްވުމުން ޕްރައިމަރީ ބާތިލްކުރަންޖެހިދާނެ ކަމަށް ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އެމްޑީޕީން ބުނެފައިވެ އެވެ. ނަމަވެސް ފަހުން ޕްރައިމަރީ ބާތިލްނުކުރަން ނިންމާފައިވަނީ ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ހިނގާފައި ނުވާތީ ކަމަށް ވެސް އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ބުނެފައިވެ އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ކަންކަމުގައި ހަރަކާތްތެރިވި އެމްޑީޕީގެ އޮފިޝަލުން ތައްޔާރުކުރި ރިޕޯޓުގައި ވަނީ ފޭދޫ ދާއިރާގެ ނަތީޖާއާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ޕްރައިމަރީގައި ހިނގާފައިވާ ކަމަށް ބުނެފަ އެވެ.
އަލްހާންގެ ގަޔަށް ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އަލްހާން އަވަށްޓެރި ލަންކާގައި ހުންނެވި ނަމަވެސް އޭނާ މިވަގުތު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް އަލްހާން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އަލްހާން ގެންދަވަނީ ފޭދޫ ދާއިރާގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ