މޫސުން ގޯސްވުމުން ކުނިގޮނޑު ހުސްކުރުން މެދުކަނޑާލައިފި

މޫސުން ގޯސްވުމާއި ގުޅިގެން މާލޭ އެއް ނަންބަރު ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
މިމަސައްކަތް ކުރަމުންދަނީ ސަރުކާރާ އާންމު ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީންނެވެ.
އެމްޓީސީސީގެ އޮފިޝަލަކު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުނިކޮށީގެ މަސައްކަތް ހުއްޓާލަން ޖެހުނީ އެ މަސައްކަތް ކުރުމަށް ދަތިވާ ވަރަށް މޫސުން ގޯސްވުމާއި ގުޅިގެން ކަމަށެވެ. މަސައްކަތް ދެން ފެށޭނެ ވަކި ދުވަހެއް ބުނަން ނޭގޭ ކަމަށާއި ނަމަވެސް މޫސުން ރަގަޅުވުމުން މަސައްކަތް އަލުން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. މެދުކަނޑާލި ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.
އެމްޓީސީސީން ބުނީ މޫސުން ގޯސްވެގެން މަސައްކަތް މެދުކަނޑާލުމާއިއެކު މިމަސައްކަތުގައި ބޭނުންކުރާ ބައެއް ވެހިކަލްތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
"ބައެއް ލޮރީ ތަކާއި ހައިމާކް ފަދަ ތަކެތި އެބަހުރި މަރާމާތުކޮށްލަން ބޭނުންވާ. އެހެންކަމުން އެމަސައްކަތްތައް މިހާރު އެބަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ގާކޮށީގެ ނަމުން ގިނަ ބަޔަކު ދަންނަ މާލޭގެ އެއް ނަންބަރު ކުނިކޮށި ސާފުކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 19 ދުވަހު އެވެ. މިމަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ 21 މިލިއަން ރުފިޔާ އަށެވެ.
އެއް ނަންބަރު ކުނިކޮށި ހުސްކުރުމުގެ މަސައްކަތް މިދިޔަ އަހަރު ވެސް އެމްޓީސީސީން ވަނީ ކޮށްފަ އެވެ. އެފަހަރު ކުނިކޮށި ހުސްކުރުމަށް ދިން ހަތަރު މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީން ވަނީ އެމަސައްކަތް ކޮށް ނިންމާލާފަ އެވެ. މިދިޔަ އަހަރު ވެސް އެމްޓީސީސީން އެ މަސައްކަތް ކުރީ 21 މިލިއަން ރުފިޔާ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ