މައްޗަންގޮޅި ބުރުޒުމަގުގައި ހުންނަ ކޮފީ ކޯނާ ތެރޭގައި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ކޮފީ ބޯން އިންދާ މަރާލި މީހާއަށް ނިސްބަތްވާ ގޭންގުން ރައްދުގައި އެހެން މީހަކު މަރާލަން މަސައްކަތްކުރި ކަމަށާއި އެ މަސައްކަތް ފުލުހުން ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނުސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހު މައްޗަންގޮޅި ބުރުޒުމަގުގައި ހިންގި ވަޅި ހެރުމުގެ ހާދިސާގައި މަރުވި މއ. އާއިޝާ، ހުސައިން ވަހީދު 22، ގެ މަރުގެ މައްސަލާގައި އޭނަ ނިސްބަތްވާ ގޭންގުން ރައްދުގައި އެހެން މީހަކު މަރާލުމަށް މަސައްކަތްކުރި ކަމަށާއި އެ މަސައްކަތް ފުލުހުން ހުއްޓުވި ކަމަށެވެ.
އުމަރު ވިދާޅުވީ މަރުވި ކުއްޖާއަށް ނިސްބަތްވާ ގޭންގުގައި ހިމެނޭ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުންދިޔަ މީހެއް އެ ކުއްޖާ މަރުވިދުވަހު ނޫން އަނެއް ދުވަހު ބަލިވެގެން ކަމަށް ހެދިގެން ޑޮކްޓަރަށް ދައްކަން މާލެ އައުމަށް އެދުނު ކަމަށާއި ޑީޕީއާރްއެސްގެ އެހީގައި އޭނާ މާލެ ގެނެވުނު ކަމަށެވެ. އަދި އޭނާ މާލެ ގެނެވުނު ގަޑީގައި ހޮސްޕިޓަލް ކައިރީގައި އެ ގޭންގަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ތިބި ކަމަށާއި އެމީހުން ތިބީ އޭނާ ގެނައުމުން އޭނާ މިނިވަންކޮށް އަތުލައިގަނެގެން ގެންދަން ރާވައިގެން ހޮސްޕިޓަލް ކައިރިއަށް ޖަމާވެފައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އެމީހުން ރާވައިގެން ތިބީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒްކުރަމުންދާ މީހާ ބޭނުން ކޮށްގެން ހުސައިން ވަހީދު މަރާލި ގޭންގުގެ ކުއްޖަކު މަރާލުމަށް. އެމީހުން ހީކުރަނީ އޭނާ ނިކުމެ މީހަކު މަރާލީމާ ދެން އިތުރަށް އޭނައަށް ދެވޭނެ އަދަބެއް ނޯންނާނެ ކަމަށް" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ކުރިން އެ މައުލުމާތު ފުލުހުންގެ އިންޓަލިޖަންސަށް ލިބިފައިވާ ކަމަށާއި އޭނާ ގެނައުމުގެ ކުރިން އިންޓަލިޖެންސުން ހޮސްޕިޓަލް ކައިރީގައި ފާރަލައިގެން ތިބި ކަމަށެވެ. އަދި އޭނާ ގެނައި ވަގުތު ގޭންގްގެ މީހުން އޭނަ ސަލާމަތް ކުރުމަށް ކުރި މަސައްކަތްތައް ޕޮލިސް އިންޓެލިޖެންސާއި އެސްއޯ ފުލުހުން ގުޅިގެން ހުރަސްއަޅައި އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފަ ވަނީ 17 އަހަރާއި 35 އަހަރާ ދެމެދުގެ ބައެއް ކަމަށްވެސް އުމަރު ވިދާޅުޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުސައިން ވަހީދުގެ ގަޔަށް ވަޅިހެރި މީހާ ހުރީ ހައްޔަރުގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ގޭންގު ކުއްތައް އުފެދެނީ މަސްތުވާއެއްޗެތީގެ ސަބަބުން ކަމަށާއި ގޭންގް ކުއްތައް ހުއްޓުވޭނީ މަސްތުވާތަކެތި ހުއްޓުވައިގެން ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސާއި ފޮރެންސިކް ގުޅިގެން މައްސަލަތައް ތަހުގީގުކޮށް މަސްތުވާތަކެތި ހުއްޓުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ނަސީރު އިތުރަށް ވިދާޅުވީ ބޮޑެތި ކުށްތަކަކީ ކުއްލިއަކަށް ހުއްޓުވޭނެ ކަންކަން ނޫން ކަމަށާއި، ނަމަވެސް އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ވަރުގަދަ ފިޔަވަޅު ތަކެއް އަޅާނެ ކަމަށެވެ.
ހުސައިންގެ މަރަށް ބަދަލުހިފަން ކުރި މަސައްކަތް ހުއްޓުވިން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ