ޝަރުއީ ދާއިރާގެ ތަސައްވުރު ރަނގަޅު ކޮށްދިނުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި

ރާއްޖޭގެ ޝަރުއީ ދާއިރާގެ ތަސައްވުރު މިހާރަށްވުރެ ރަގަޅު ކުރުމަށް މަސައްކަތް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް އުއްތަމަ ފަނޑިޔާރު އިލްތިމާސް ކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދު މިކަމަށް އިލްތިމާސް ކުރެއްވީ ޑީޖޭއޭގެ މިއަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެމަނިކުފާނާ ހިއްސާ ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް މިހާރަށް ވުރެ ހަލުއިކޮށް ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ޝަރުއީ ކޯޓުތަކާއި ޝަރުއީ ދާއިރާގެ ހިދުމަތަށް އެދޭ ފަރާތްތަކާއި މުވާސަލާތުކޮށް ޝަކުވާތައް މަދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ޝަރުއީ ދާއިރާގެ ތަސައްވުރު މިހާރަށް ވުރެ ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ހައިކޯޓުގެ ދެކުނު ގޮފީގެ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ފިޔަވަޅުތައް އެޅުމަށްވެސް އިރުޝާދު ދެއްވި އެވެ.
މީގެ އިތުރަށް ޝަރުއީ ކޯޓުތަކުގެ ކޭސް މެނޭޖްމަންޓް ހަރުދަނާކުރުމަށް 2016 ވަނަ އަހަރު އަޅަންޖެހޭ ފިޔަވަޅުތައް ވެސް ފާހަގަކޮށްދެއްވި އެވެ.
ޝަރުއީ ދާއިރާގެ ޖުޑީޝަލް ސްޓްރެޓެޖިކް ޕްލޭންގެ މުއްދަތު 2015 އަށް ހަމަވެފައިވުމާއި، އަދި ސްޓްރެޓެޖިކް ޕްލޭނުގެ މަގްސަދު ހާސިލްވެފައިވާ މިންވަރާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރު ކޮށްދިނުމަށްވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވި އެވެ. އަދި 2016 އާ 2017 ގެ އާ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނަން ޖެހޭ ކަންކަން ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރަށް ޝަރުއީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން 2016 ވަނަ އަހަރު އިސްކަމެއް ދީގެން ފެމިލީ ކޯޓަށް އިތުރު ޖާގަ ހޯދައިދިނުމަށާއި، ސިވިލް ކޯޓުގެ މަސައްކަތް އަވަސްކުރުމަށް ސިވިލް ކޯޓަށް އިތުރު ކޮށްދީފައިވާ މަދަނީ ވެހީގެ މަސައްކަތް އަވަސް ކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.
އަދި ހުޅުމާލޭ ކޯޓަކީވެސް ގިނަ މައްސަލަތަކެއް ހުށަހެޅޭ ކޯޓެއް ކަމުން އެ ކޯޓަށް މިހާރަށް ވުރެ ތަނަވަސް ޖާގަ ހޯދައިދިނުމަށް އެޗުޑީސީއާއެކު މަޝްވަރާކޮށްގެން ބިމެއް ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށްވެސް އުއްތަމަ ފަނޑިޔާރު ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ