އިސްލާމީ ޔުނިވަރސިޓީއަކީ ރައްޔިތުން އެދޭ ފެންވަރަށް ކުރިއަރާފައިވާ ތަނަކަށް ހަދާނަން: ޑރ. ޝަހީމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ރައްޔިތުން އެދޭ ފެންވަރަށް ކުރިއަރާފައިވާ ތަނަކަށް މާތްﷲ ވާގިފުޅާއިއެކު ހައްދަވާނެ ކަމަށް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޔުނިވަރސިޓީގެ ޗާންސެލަރުކަމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ޑރ. ޝަހީމް މިއަދުނޫހަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީއެއް އުފެއްދުމަށް ސަރުކާރުން ނިންމީންސުރެ އެކަމަށް މަސައްކަތްކުރައްވަމުން ގެންެދެވި ކަމަށެވެ.
އިސްލާމީ ޔުނިވަރސިޓީ އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ ކޮމިޓީގެ ރިޔާސަތުވެސް ބެލެހެއްޓެވި ޑރ. ޝަހީމް ވިދާޅުވީ ޤައުމު ކުރިއަރައިދިއުމަށް އެންމެ ބޮޑަށް ބޭނުންވަނީ ތައުލީމާއި އިސްލާމީ ތަރުބިއްޔަތު ކަމަށެވެ. އިސްލާމީ ތަރުބިއްޔަތާއިއެކު ދަރިވަރުން ސްކޫލުތަކާއި ކޮލެޖުތަކާއި އަދި ޔުނިވަރސިޓީތަކުން ކިޔަވައިގެން ނުކުންނަ ނަމަ އެ ޤައުމެއް ވެގެންދާނީ އެންމެ ބާރަށް ކުރިއަރާ ޤައުމަށް ކަމަށެވެ. "އެހެންވެ އެކަމަށް އެހައި ބޮޑަށް އިސްކަންދީގެން އިސްލާމީ ޔުނިވަރސިޓީގެ ތަޞައްވުރު އެކުލަވައިލީ."
ޑރ. ޝަހީމް ވިދާޅުވީ ވައިސް ޗާންސެލަރަކަށް ހުންނަވައިގެން ވެސް އިސްލާމީ ޔުނިވަރސިޓީގެ ކުރިއެރުމަށް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތައް އިތުރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ސަރަހައްދުގައިި އެންމެ ކުރިއަރާފައިވާ ޔުނިވަރސިޓީއަށް ހައްދަވައި ދިވެހިން ފަޚުރުވެރިވާފަދަ ތަނަކަށް މާތްﷲ ވާގިފުޅާއިއެކު ހައްދަވާނެ ކަމަށެވެ.
"އެހެން ޔުނިވަރސިޓީތަކާއި ޖަމާއަތްތަކާއި ޤައުމުތަކުގެ އެހީތެރިކަން ހޯދަން އިތުރަށް މަސައްކަތްކުރާނަން. މިއީ ވަރަށް ބޮޑު ޤައުމީ އަދި ދީނީ ޒިންމާއެއް. މަސްއޫލިއްޔަތެއް. މާތްﷲ ވާގިފުޅާއިއެކު ވެވުނު އެންމެ ފުރިހަމައަކަށް މަސްއޫލިއްޔަތު އަދާކުރުމުގަ ދެމިހުންނާނަން."
ޑރ. ޝަހީމް އަކީ ފާހަގަކުރަންޖެހޭ ގިނަ އަދި ބޮޑެތި ޚިދުމަތްތަކެއް ރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދުމަތްތެރިއެކެވެ. ޙައްޖު ކޯޕޮރޭޝަން ވުޖޫދަށް ގެންނެވުމަށް ކުރެއްވެވި މަސައްކަތްޕުޅުތަކާއި މިސްކިތު ފަންޑާއި ވަޤްފް ފަންޑް އުފައްދަވައި ހޯއްދެވި ބޮޑެތި ކުރިއެރުންތައް ފާހަގަކުރަންޖެހޭއިރު ވަޤްފް ފަންޑުން ބިނާކޮށްފައިވާ 10 ބުރީގެ އިމާރާތަކީ އަގު ނުކުރެވޭފަދަ ޚިދުމަތްތަކުގެ ގޮތުގައި ފާހަގަކުރަންޖެހެއެވެ.
މިޚިދުމަތްތަކުގެ އިތުރުން 500 ހާފިޒުން ތައްޔާރުކުރުމަށް ފެށްޓެވި ޕްރޮގްރާމަކީވެސް އެދާއިރާއިން ހިންގަން ފެށުނު އެންމެ ބޮޑު ޕްރޮގްރާމެވެ.
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ޑރ. ޝަހީމް އާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އިއްޔެ ހަވާލުކުރެއްވެވީ ވައިސް ޗާންސެލަރުގެ މަސްއޫލިއްޔަތުތަކާއިވެސް އެކުގައެވެ.
އިސްލާމީ ޔުނިވަރސިޓީ އުފައްދަވައި އެތަނަކީ އެންމެ ކުރިއަރާފައިވާ ތަނަކަށް ހެއްދެވުމަށް ރައީސް ޔާމީން ގެންދަވަނީ ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. ޔުނިވަރސިޓީގެ ކުރިއެރުމަށް ސަރުކާރުގެ ޤާބިލުކަން ހުރި މިންވަރުން ހުރިހައި ކަންކަމެއްވެސް ގެންދަވަނީ ކޮށްދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ