ހޯމް މިނިސްޓަރުގެ މަގާމުން ކުއްލި ގޮތަކަށް ރޭ އިސްތިއުފާ ދެއްވި އުމަރު ނަސީރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އުމަރަށް ތައުރީފްކުރައްވައިފި އެވެ.
އުމަރަށް ތައުރީފް ކުރައްވާ މައުމޫން މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އުމަރު ނަސީރަކީ ޝަރަފުވެރި އަދި ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ. އަދި އޭނަ އަށް ފުރިހަމަ ސިއްހަތަކަށާއި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޕީޕީއެމްގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވޮދާޅުވެފައި ވެއެވެ.
މައުމޫން އުމަރަށް ތައުރީފްކުރެއްވި އިރު، މައުމޫނާއި އުމަރު ވަނީ ޕްރައިމަރީއަކާ ނުލައި 2018 ވަނަ އަހަރުގެ ރިއާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދެއްވުމާ ދެކޮޅު ހައްދަވައިފަ އެވެ.
އުމަރު މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުއްވި ސިޓީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަބޫލްފުޅު ކުރެއްވުމަށްފަހު، މިއަދު ރައީސް ވަނީ އެމަގާމަށް ކުރީގެ ޔޫތް މިނިިސްޓަރު އަހްމަދު ޒުހޫރު އައްޔަން ކުރައްވާފައެވެ.
އުމަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި އެހެނިހެން ފަރާތްތަކުން އެމަނިކުފާނަށް ދެއްވި ސަޕޯޓަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.
އުމަރު ވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ވިދާޅުވެފައެއް ނުވެއެވެ.
އުމަރު ނަސީރު އިސްތިއުފާ ދެއްވުމުން އިދިކޮޅު އިއްތިހާދުން ވަނީ އުމަރުގެ ނިންމުމަށް މަރުހަބާ ކިޔައި، ރޭ ބަޔާނެއްވެސް ނެރެފައެވެ. އެގޮތުން އެބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމިންގެ އަނިޔާވެރިކަމާއި ތަކުރާރުކޮށް ގާނޫނުއަސާސީއާ ހިލާފުވެވަޑައިގަންނަވާ މަންޒަރު ބެއްލުވުމަށް ނުހުންނަވައި އުމަރު ނިންމެވި ނިންމެވުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން މަރުހާބާ ކިޔާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެން ހޯމް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ފުރަތަމަ ބޭފުޅަކީ އުމަރު ނަސީރު އެވެ. އުމަރު މި މަގާމާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
އުމަރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ