ރާއްޖޭގެ އެންމެ ކޮރަޕްޓް ތަނަކީ މަޖިލިސް: އުމަރު

ދިވެހިރާއްޖޭގެ އެންމެ ކޮރަޕްޓް އެއް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވަން ޝައުޤުވެރިވޭތޯ ދެންނެވުމުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގެ އެންމެ ކޮރަޕްޓް ތަނަކީ ޖުޑިޝަރީކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް އެއީ ދޮގެއްކަމަށާއި، އެންމެ ކޮރަޕްޓް މުއައްސަސާ އަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
"އެންމެ ކޮރަޕްޓް ތަނަކީ ޕާލިމެންޓް. ޕާލިމެންޓް މެންބަރުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ވޯޓް ވިއްކާ މީހުން." އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި ވެރިއަކަށް ހުންނަވާ ބޭފުޅަކީ ސިޔާސީ ލީޑަރުން ދައްކަވާ ހުރިހާ ވާހަކައަކަށް ދީލާލާ ބޭފުޅަކަށް ވެގެންނުވާނެ ކަމަށާއި، ނަމަވެސް ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހުރިހާޕާޓީތަކަކުންވެސް ވެރިކަން ކޮށްފައި ވަނީ ދާދި އެއްގޮތަކަށް ކަމަށް އުމަރު ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދާއި، ރައީސް ޔާމީންގެ ސަރުކާރަށް ބަލާލިނަމަވެސް ދެ ބޭފުޅުންވެސް ކޮރަޕްޓް ކަމަށާއި، އަދި ޤާނޫނީއިމުގެ ތެރެއިން ކަންކަންކުރެއްވިގޮތަށް ބަލާއިރުވެސް ދެބޭފުޅުން ކުރެއްވީ އެއްކަމެއް ކަމަށެވެ.
"އެއްބަޔަކު ސްޕްރީމްކޯޓުގައި ތަޅުއެޅުވި އިރު އަނެއްބަޔަކު ނެގީ ސްޕްރީމް ކޯޓުގެ ފުރާޅު. ޖުޑިޝަރީ ރިފޯމެއްވެސް ގުޑްގަވަރނަންސް އެއްވެސް ޤާއިމެއް ނުކުރެވުނު." އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައުމަށްވެސް އެންމެބޮޑަށް ދެއްކެވި ވާހައަކައަކީ ކޮރަޕްޝަން ހައްލުކުރުމުގެ ވާހަކަ ކަމަށެވެ. އެގޮތުން މިަސަރުކާރުގެ ކެބިނެޓްގައިވެސް ކޮރަޕްޓް ބައެއް ބޭފުޅުން ހިމަނުއްވައިގެން އެކުލަވާލެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެވެސް އެވަރުގެ ލީޑަރޝިޕެއް ނެތުމުންކަމަށް އުމަރު ވިދާޅުވި އެވެ.
އެހެންކަމުން ފުރަތަމަ މިސަރުކާރުގެ ފެށުންވެސް ގޯސްކަމަށާއި، އެހެންވީމަ ތިންވަނަ ބަޔަކު ނިކުމެގެން ނޫންގޮތަކަށް ހެޔޮލަފާ ސަރުކާރެއް ނުގެނެވޭނެ ކަމަށްވެސް އުމަރު ނަސީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ