ނުހައްގުން ޖޫރިމަނާކޮށްފައިވާ ސްޓޭޝަންތަކަށް ފައިސާ އަނބުރާ ދޭންޖެހޭ - މަހުލޫފް

އަބުރުގެ ގާނޫނު އަލުން ފާސްކުރަން ޖެހޭނީ ނުހައްގުން ޖޫރިމަނާކުރި ޓީވީ ސްޓޭޝަންތަކަށް އަނބުރާ އެ ފައިސާ ލިބޭ ގޮތަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހައްދުފަހަނައަޅައި ގޮސްފައި އޮތް މީހުންގެ އަބުރާއި ބެހުމުގެ މައްސަލަތައް ހުއްޓުވައި، އަބުރާއި ބެހުމުގެ އަދަބު ބޮޑުކޮށް ރައީސް ޔާމީންގެ ސަރުކާރުން އަމަލު ކުރަން ފެށި ޤާނޫނު އުވާލުމަށް އިދިކޮޅު ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުށަހަޅާފައެވެ. އެ ގާނޫނު އުވާލުމަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދުއެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ފާސްވެެގެން އަންނައިރު ނުހައްގުން ޖޫރިމަނާ ކޮށްފައިވާ ސްޓޭޝަންތަކަށް އެ ފައިސާ އަނބުރާ ލިބޭ ގޮތަށް ފާސްކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
މަހުލޫފް މިހެން ވިދާޅުވިއިރު އަބުރު ގާނޫނުގެ ދަށުން އެންމެ ގިނައިން ޖޫރިމަނާކޮށްފައި ވަނީ ރާއްޖެ ޓީވީއެވެ.
އަބުރުގެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުމަށްފަހު ޝާހިދު ވިދާޅުވީ، އަބުރުގެ ގާނޫނު އުވުމާއިއެކު އާންމު ގާނޫނުތަކުގެ ދަށުން އަބުރާބެހުމުގެ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޤަވައިދު އަލުން ހިމަނައި އެގަވައިދުގެ ބެލެނިވެރިކަން ގާނޫނެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށެވެ. އެގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު އަސްދީގްކޮށް ގެޒެޓް ކުރެވުމުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
އަބުރާބެހުމުގެ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޤަވައިދަކީ އަބުރާއި ބެހުމުން މަދަނީ ބަދަލު ނަގައި ދިނުމަށް ކުރިން އަމަލު ކުރި ޤަވައިދެކެވެ. އެޤަވައިދުގެ ދަށުން އަބުރުގެ މައްސަލަތަކުގައި ނަގައި ދެނީ 100 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދުގެ ބަދަލެކެވެ. އެހެންކަމުން އެއީ އަބުރާއި ބެހުމުގެ މައްސަލަތަކަށް އެއްވެސް ހައްލެއް ގެނެވުނު ޤަވައިދެއް ނޫނެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ