ރައީސް ސޯލިހްގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން : ގާސިމް

ރައީސް ޞާލިޙްގެ ވެރިކަން ބަދަލުކުރަން ކޯލިޝަން މައި ޕާޓީ އެމްޑީޕީން މަސައްކަތް ކުރާކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ތުހުމަތު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް މިގޮތަށް ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކުގެ މެންބަރޝިޕް ފޯމް ޕާޓީގެ ލީޑަރާއި ހަވާލުކުރުމަށް އެޕާޓީގެ އޮފީސް މ. ކުނޫޒްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި  ވާހަކަފުޅުދައްކަވަމުންނެވެ.
ކުރީގެ ރައީސް ނަޝީދަށް ނުސީދާގޮތެއްގައި ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވީ، ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމްޑީޕީ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމަށެވެ. އަދި ވަކި މީހަކު ވެރިކަމަށް ގެނައުމަށް އެމްޑީޕީން މިހާރު މަސައްކަތްކުރަމުންދާކަމަށާއި އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކަސް އެއްބާރުލުން ނުދޭނެކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
 ”އަޅުގަނޑުމެންގެ ތެރޭގައި ބާރުވެރިކަން ފުރޮޅާލައި މިހާރު މިއޮންނަ ނިޒާމް ބަދަލުކުރާނަމޭ ބުންޏަސް، އަޅުގަނޑު ހިތައް އަރަނީ މިއީ ކިހިނެއް ކޮން އުސޫލަކުން ކުރާނެކަމެއްގެ ވާހަކަހޭ މިދައްކަނީ. އަޅުގަނޑަށް ހަމަ ކަށަވަރު ޔަގީން އިރާދަކުރެއްވީތީ އެކަމެއް ނުވާނެކަން. އެއީ ޕާލިމެންޓަރީ ނިޒާމެއް ބަދަލުވެގެންދާއިރު، ޕާލިމެންޓުގަައިވެސް ތިބޭނީ ހުސް މިނިސްޓަރުންނާއި، ޑެޕިއުޓީންނާއި، ސްޓޭޓް މިނިސްޓަރުން. ރައްޔިތުން އެންމެ ފަހަރަކު ވޯޓުލާނީ. އޭރުން ވެރިކަމަށް ގެންނަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އަންނަ މީހަކަށް ވޯޓުދޭކަށް ނުޖެހޭނެ. “ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް މައުމޫނުގެ ފަހުގެ ދައުރުތަކުން ފެށިގެން މިހާތަނަށް އުފެދުނު ހުރިހާވެރިކަމެއްވެސް ގެނެވުނީ އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ ތާޢީދާއެކު ކަމަށާއި، ރައީސް ޞާލިޙްގެ ސަރުކާރުގެ ތެރޭގައިވެސް ގާނޫނާއި ޚިލާފް ކަމެއް ފެނިއްޖެނަމަ އެފަދަ ކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ