ބޭނުންވަނީ ތަރައްގީ ކަމަށާއި އެކަމަކު އެ ތަރައްގީއަކީ އިންސާނީވަންތަ ތަރައްގީއަކަށް ވާން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ މައުމޫން ރިފޯމް މޫވްމަންޓް އޮފީހުގައި ރައީސް މައުމޫނާއި އިބޫ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި އިމާރާތްތައް ހެދުން ނޫން ކަމަށާއި ވާންޖެހޭނީ އިންސާނުން ބޭނުންވާ ތަރައްގީއަށް ކަމަށެވެ.
"އެއީ ހަމައެކަނި އިމާރާތްތަކެއް ހެދުމެއް ނޫން. އެއީ އިންސާނުން ބޭނުންވާ ތަރައްގީ. އެއީ އިންސާނީވަންތަކަން ހުންނަ ތަރައްގީ. ރައްޔިތުން ޝުއޫރުތަކާއި ރައްޔިތުންނާ އެކީގައި ވާހަކަދައްކާ، މުއާމަލާތްކޮށްފައި ހިތްހެޔޮކަމާއި ރަހުމަތްތެރިކަމާ އެކީގައި ކަންތައް ކުރުން. އެއްވެސް މީހަކަށް އަނިޔާނުވާގޮތަށް. އެންމެންނަށް ވެސް ތަން ދީގެން. އެންމެންގެ ފިކުރަށް ވެސް އިހުތިރާމްކޮށްގެން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ކޮންމެ މީހަކު ކޮންމެ ފިކުރެއްގައި ހުއްޓަސް އެ ފިކުރުގެ ސަބަބުން އެމީހަކަށް އަނިޔާ ލިބިގެން ނުވާނެ ކަމަށާއި ވަކި ފިކުރަކަށް ތާއީދުކުރުމަކީ ގާނޫނު އާސީސީން ކޮންމެ މީހަކަށް ވެސް ލިބިދޭ ހައްގެއް ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް އެއްވަރެއްގެ ހައްގުތަކެއް ލިބެން ވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަކީ އެއްބައެއް. އަޅުގަނޑުމެން ބޭނުމެއް ނުވޭ ތަފާތު ކުރާކަށް. ހުރިހާ އެންމެންނަށް ވެސް އެއްވަރެއްގެ ހައްގުތަކެއް ލިބެން ވާނެ. އޭގެ ތެރެއިން ކުރިއަށްދެވޭނީ އެމީހެއްގެ މަސައްކަތުން ކުރިއަށްދިއުމުގެ ހައްގު ލިބިގެންވާ މީހާ. ވަކި މީހެއްގެ ޕާޓީއަކަށް ނިސްބަތްވާތީ، ނުވަތަ ވަކި މީހެއްގެ ރަހުމަތްތެރިޔަކަށް ވާތީ، ނުވަތަ ވަކި މީހެއްގެ ތިމާގެ މީހަކަށް ވާތީ، ކުރިއަށް ދެވިގެނެއް ނުވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ބޭނުންވަނީ ތަރައްގީ، އެކަމަކު އެއީ އިންސާނީވަންތަ ތަރައްގީއަކަށް ވާން ޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ