ސަރުކާރުން ނެކްސްބިޒްއަށް ބަދަލުގެ ގޮތުގައި 275 މިލިއަން ރުފިޔާ ދައްކައިފި

އެމްޑީޕީގެ ސަރުކާރުން 2010 ވަނަ އަހަރު ، ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް މެލޭޝިއާގެ ނެކްސް ބިޒްއާ ހަވާލު ކުރި އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ލިބުނު ގެއްލުން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައެޅި 17.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 275.9 މިލިއަން ރުފިޔާ) އެކުންފުންޏަށް ސަރުކާރުން ދައްކައިފިއެވެ.
މިއަދު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ސިންގަޕޫރުގެ ކޯޓުން ނިންމި ފައިނަލް އެވޯޑަށް މިހާތަނަށް އަމަލުކޮށްފައި ނުވާތީ ނެކްސްބިޒް ކުންފުނިން އެ މައްސަލަ ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ނެކްސްބިޒް އެގްރީމެންޓުވެސް ބާތުިލްކޮށްފައި ވަނީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދުވަސްވަރުއެވެ. ނެކްސްބިޒް މައްސަލާގެ އިތުރަށް ޖީއެމްއާރު އެއްބަސްވުން އުވާލައިގެން ވެސް ދިވެހި ސަރިކާރުން ވަނީ ޖީއެމްއާރަސް ބޮޑު އެއްޗެއް ދައްކަން ޖެހިފައެވެ.
ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމްކޮށްފައި ވަނީ 17،085،654 ޑޮލަރާއި، 1،093،370.82 ސިންގަޕޫރު ޑޮލަރު ނެކްސްބިޒް ކުންފުންޏަށް ދެއްކުމަށެވެ. ސިންގަޕޫރު ކޯޓުން ހުކުމް ކުރީ ޖުމްލަ 17.9 މިލިއަނއްހާ ޑޮލަރު އެކުންފުންޏަށް ދެއްކުމަށެވެ. އެހެން ނަމަވެސް މައްސަލާގައި ނެކްސްބިޒްއިން އެދުނީ 272 މިލިއަން ޑޮލަރު ހޯދުމަށެވެ.
"ސިންގަޕޫރު އާބިޓްރޭޝަނުން ކޯޓުގެ ހުކުމަކީ ގާނޫނީ ގޮތުން ތަންފީޒު ކުރަންޖެހޭނެ ހުކުމަކަށް ވާތީ އިއްޔެ ދައުލަތުން އެފައިސާ ނެކްސބިޒް ކުންފުންނަށް ދައްކާފައި " އޭޖީގެ ބަޔާނުގައިވެއެވެ.
ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދައި، އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް މުހިއްމު ކަމެއް ކަމަސް ފެންނާތީ މި ހުކުމް ތަންފީޒު ކުރީ ކަމަށް އޭޖީގެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ