"މައުމޫން އެއްބަސްވުމުގައި ސޮއި ނުކުރެއްވީ ޖަލުގައި އޮންނެވުމުން"
ކުރީގެ ރައީސް މައުމޫން ކޯލިޝަންގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ނުވަނީ މައުމޫން ރިފޯމް މޫވްމަންޓަށް ސަރުކާރުގެ މަގާމުތަކުގެ 25 ޕަސެންޓު އަދި މަޖިލީހުގެ ރައީސް ކަން ދޭން އެއްބަސްނުވުމުން ކަމަށް ދެކެވޭ ވާހަކަތައް އެމްއާރްއެމް އިން ދޮގު ކޮށްފި އެވެ. އެނގިފައިވާ ގޮތުގައި ކޯލިޝަންގެ ޕާޓީތައް އެއްބަސްވުން ހަދާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިބޫ އާ އެކު ވަކި ވަކީންނެވެ. އެހެން ނަމަވެސް، ރައީސް މައުމޫންގެ އެމްއާރްއެމް އިން އެފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނުވެ އެވެ. ރައީސް މައުމޫން ސޮއި ކުރައްވާފައި ނުވަނީ ސަރުކާރުގެ މަގާމުތަކުގެ 25 ޕަސެންޓު އަދި މަޖިލީހުގެ ރައީސް ކަން އެމްއާރް އެމްއަށް ދޭން ލީޑަރުން އެއްބަސް ނުމުން ކަމަށް މިއަދު ވަނީ އަޑު ފެތުރިފަ އެވެ. އެމްއާރްއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަދި ރައީސް މައުމޫންގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުލް އަލީމް އާދަމް މިއަދު "ސަން" އަށް ވިދާޅުވީ، އެ ވާހަކަތަކަކީ މުޅިން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއާރްއެމް އިން ދެކުނީ ކޯލިޝަން އެއްބަސްވުމުގައި ސޮއި ކުރަން ޖެހޭނީ ރައީސް މައުމޫން ކަމަށެވެ. އެހެން ކަމުން ރައީސް މައުމޫން ޖަލުގައި އޮންނެވުމުގެ ސަބަބުން އެއްބަސްވުމުގައި ސޮއި ނުކުރެއްވުނީ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ފަރާތުން އެ އޮތޯރިޓީ [ސޮއި ކުރުމުގެ] އަޅުގަނޑުމެންނަށް ރައީސް މައުމޫން ޖަލުގައި އޮންނެވި އިރު ނުލިބެންޏާ އަޅުގަނޑަކަށް ވެސް ނާދިރާއަކަށް ވެސް ނޫނީ އެހެން ބޭފުޅަކަށް ވެސް އޭގައި ސޮއި ނުކުރެއްވޭނެ ދެއްތޯ،" އަލީމް ވިދާޅުވި އެވެ. އަލީމް ވިދާޅުވީ އެމްއާރްއެމްގެ ވިސްނުން ހުރީ އަދި ވެސް އެއްބަސްވުމާ އެއްގޮތަށް ކަންތައް ކުރުމަށް ކަމަށެވެ. އެގޮތުން އެއްބަސްވުމާ އެއްގޮތްވާ ގޮތަށް މަޖިލީހުގެ 17 ދާއިރާއަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ. "ރައީސް މައުމޫން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި އޮތީ، އަނެއް ތިން ލީޑަރުން އެއްބަސްވާ ކޮންމެ އެބަސްވުމަކަށް ތިމަންނަ އިހުތިރާމް ކުރާނެ ކަމަށް. އެ އުސޫލުން މަޖިލީހުގެ ރައީސް ކަން ޖޭޕީއަށް ދޭން އިހުތިރާމް ކުރެއްވީ. އެކަމަކާ އެއްޗެއް ވިދާޅެއް ނުވޭ. މިނިސްޓަރުން ވެސްް، ހުރިހާ މަގާމުތަކެއް ވެސް 20 ޕަސެންޓަށް ދެއްތޯ އެ ފޮނުވަނީ،" ކޯލިޝަން ޕާޓީތަކާ އެކު ހެދި އެއްބަސްވުންތަކުގެ ދަށުން ނިންމީ ސަރުކާރުގެ މަގާމުތަކާއި މަޖިލީހާއި ކައުންސިލްތައް ބަހާލާ އިރު އެމްޑީޕީ އަށް 40 ޕަސެންޓް، ޖޭޕީއަށް 25 ޕަސެންޓް، ރައީސް މައުމޫނަށް 20 ޕަސެންޓު އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށެވެ. ނަމަވެސް، ރޭ އެމްޑީޕީން ވަނީ އެއްބަސްވުމާ ހިލާފަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ