ކޮރަޕްޝަން ފެތުރޭ ސަބަބުތައް ދެނެގަނެ އެކަން ހައްލުކުރަން ޖެހޭ: ގާސިމް

ދިވެހިރާއްޖޭގައި ކޮރަޕްޝަން ފެތުރޭ ސަބަބުތައް ދެނެގަނެ އެކަން ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން މިދާ އެންޓި- ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ސަޕްލިމެންޓަށް ފޮނުއްވި ހިތޯބުގައި މަޖިލީހުގެ ރައީސް ވިދާޅުވީ އެހެން އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ތަރައްގީއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަންގެ ނުބައި އަމަލު ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގައުމުގެ ފުދުންތެރިކަން ހަމަހަމަ ގޮތެއްގައި، ރައްޔިތުންނަށް ފޯރުނުކޮށްދެވޭ މައިގަނޑު އަސްލަކީވެސް މުޖުތަމައުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލު ފެތުރިފައިވާލެއް ބޮޑުވެފައިވާތީ ކަަމަށެވެ. އެހެންކަމުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާއި، މިކަމަށް އެއްބާރުލުންދޭ ފަރާތްތަކުގެ މައްސަލަތައް އެއްވެސް އިސްތިސްނާއެއް ނެތި ބަލައި ތަހުގީގުކޮށް ގާނޫނީ ފިޔަވަޅުއަޅަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިތުރަށް އިބްރާހީމް ވިދާޅުވީ ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުވައި، ކަނޑައެޅިފައިވާ ހައްގު އަދަބުދީގެން ނޫނީ މި ނުބައި ވަބާއިން އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމު ސަލާމަތް ކުރެވެން އޮތް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވަނީ ދިވެހިރާއްޖެއިން ކޮރަޕްޝަންގެ ނުބައި ވަބާ ފޮހެލެއްވުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގައުމީ ފެންވަރެއްގައި ކުރައްވަމުން ގެންދަވާ ބުރަ ބޮޑު މަސައްކަތް ފާހަގަކޮށް، ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ