އެމްޓީޑީގެ ނައިބު ރައީސްއަކަށް މެމްބަރު ޔާމީން ހޮވައިފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) ގެ ނައިބު ރައީސަކަށް ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ހޮވައިފިއެވެ.
މެމްބަރު ޔާމީން އެ މަގާމަށް ހޮވާފައިވަނީ މިއަދު ބޭއްވި އެމްޓީޑީގެ ފުރަތަމަ އިންތިގާލީ ކައުންސިލް ބައްދަލުވުމުގައެވެ. އޭނާ އެ މަގާމަށް އިންތިހާބުވީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.
ނައިބު ރައީސްގެ ގޮތުގައި މެމްބަރުން ހޮވާފައިވާއިރު ސީނިއާ ނައިބު ރައީސްގެ ގޮތުގައި ހޮވާފައިވަނީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އިސްމާއިލް އާސިފްއެވެ.
އެމްޓީޑީން މި ހަފްތާގެ ތެރޭގައި 3333 މީހުންގެ ފޯމާއެކު ޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއިރު، އެ ކޮމިޝަނުން މިއަދު ވަނީ އެ ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށްދީފައެވެ.
ޕާޓީގެ ރައީސްގެ މަގާމަށް ބޭފުޅަކު އަދި ހޮވާފައިނުވާއިރު، ބެލެވޭ ގޮތުގައި މި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާނެ އެއް ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ޕާޓީއަށް ސޮއިކުރި އެންމެ ފުރަތަމަ މީހަކީ ވެސް އަދީބެވެ.
އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ