ދެ އަނގައިގެ ވެރިނަންނަށް ރައްޔިތުން ވޯޓެއް ނުދޭނެ:ޑރ.ޚަލީލް

ވިދާޅުވާ ބަހުގެ އިތުބާރު ނެތް ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކެއް ޤަބޫލުކުރައްވައިގެން އެފަދަ ބޭފުޅުންނަށް، ދިވެހި ރައްޔިތުން ވޯޓު ނުދެއްވާނެ ކަމަށް ޕީޕީއެމް ކައުންސިލް މެމްބަރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑިގެއްލޭ ގޮތަށް ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވުމުން އެކަމަށް ރައްދު ދެއްވާ ޚަލީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އޮތް އޮތުމަށް ނިމުމެއް ގެންނެވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ނެންގެވި ހަރުދަނާ އެއް ފިޔަވަޅަކީ އެފަދަ ބިލެއް ފާސްކުރުން ކަމަށެވެ.ނަމަވެސް މަޖިލީހުގެ ތެރެއިން އެމްޑީޕީއަށް މެޖޯރިޓީ ލިބުމާއެކު ފެނިގެން ދިޔައީ އެ ބިލް އުވާލެއްވި މަންޒަރު ކަމަަށާއި އެހެންކަމުން ދެ އަނގައިން ވާހަކަފުޅު ދައްކަވާ ބޭފުޅުންނަށް ދިވެހި ރައްޔިތުން ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި ނަޝީދު ކިޔުއްވާ އުޅުއްވި ހުރިހާ ޅެމެއް ފަރިއްސަށް ވެ ނިމިއްޖެ ކަމަށްވެސް ޚަލީލުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. މާފަންނު މެދު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ކެމްޕޭން ފެށުމަށް ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، 19 ވަނަ މަޖީލިހަށް އިންތިހާބުވާ މެމްބަރުން، މަޖިލީހަށް އިންތިޚާބުވެވަޑައިގަންނަވާ ޕާޓި ނޫން އެހެން ޕާޓީތަކަށް މެމްބަރުން ބަދަލުވާ ބަދަލުވުމުގެ ސަގާފަތަށް ހުއްޓުމެއް ގެންނާނެ ކަމަށެވެ.ނަޝީދު އެމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ، މެމްބަރުން ޕާޓީ ބަދަލު ކުރަމުން އައި އައުމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ސަރުކާރުގައި މަޖިލީހުން ޤާނޫނެއް ފާސްކޮށް އެކަމަށް ހައްލެއް ގެނައިކަމެވެ. އަދި އެފަދަ ޤާނޫނެއް އޮތުމަކީ މެމްބަރުންނަށް ކޮރަޕްޝަނާ ދިމާލަށް ދަތުުރުކުރުމުގައި ހުރަސް އަޅާ ފަދަ ވަޞީލަތަކެއް ވެގެން ދިޔައެވެ. އެހެނީ އެ ޤާނޫނުގައި ބުނެފައިވާ ގޮތުން، މަޖިލީހަށް އިންތިޚާބު ވެވަޑައިގަތުމަށްފަހު އެއްވެސް މެމްބަރަކު ޕާޓީ ބަދަލު ކުރައްވައިފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އެފަދަ މުހިއްމު ޤާނޫނެއް އެކުލަވާލާ އެ ޤާނޫނަށް އަމަލު ކުރައްވަމުން ގެންދަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބްރާހިމް މުހައްމަދު ޞޯލިހު އިންތިޚާބު ވެވަޑައިގެންނެވުމާއެކު އެ ޤާނޫނު އުވާލަން މަޖިލީހުން ފާސްކުރިއެވެ. އެއާއެކު މަޖިލީހުގެ ތެރެއިން މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި އޮތް އޮތުމަށް ނިމުމެއް އައެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން އަމިއްލަ ފައިދާ އާއި މަންފާ ހޯދަން އަނެއްކާވެސް ދޮރުތައް ހުޅުވިގެންދިޔައެވެ. މަޖިލިސް މެންބަރުންނަށް ނާޖާއިޒް ފައިދާތަކެއް ނަގަން އިތުރު ފުރުސަތަކެއް ލިބިގެން ދިޔައެވެ. އެހެންކަމުން ރައީސް ނަޝީދުގެ އެވާހަކަތަކާ އެއްބަސް ވެވެން ނެތް ކަމަށް ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.އެގޮތުން ގިނަ ރައްޔިތުން ބުނަމުން އަންނަނީ އެފަދަ މުހިއްމު ޤާނޫނެއް ފާސްކޮށް އަމަލު ކުރަމުން ގެންދަނިކޮށް އެކަމަށް ނިމުމެއް ގެނައި ބޭފުޅުންތަކެއް އަލުން އެފަދަ ޤާނޫނެއް ފާސްކޮށްފާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ފަދަ ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައްޔިތުން ލޮލުގައި އަދުން އެޅުވި ފަދައިން މަޖިލީސް އިންތިޚާބަށް ވެސް އެ އުކުޅު ބޭނުން ކުރުމަށް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށާ ދިވެހި ރައްޔިތުން ތިބީ ނުހަނު ހުށިޔާރުކަމާ އެކު މަޖިލީސް އިންތިޚާބަށް ލޯ ހުޅުވައިގެން ކަމަށް ވެސް ރައްޔިތުން ގެންދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ