ރައީސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން އަބަދުވެސް ފަހުރުވެރިވާނެ - ޑރ ހަލީލް

ރައީސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން އަބަދުވެސް ފަހުރުވެރިވެ ޝުކުރުވެރިވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ފޭސްބުކް ޕޭޖް މެދުވެރިކޮށް ޑރ ހަލީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޒާއާމަތުގައި ދިވެހި ރާއްޖެ އެކި ރޮނގުރޮނގުން ދެކެފައިވާ ކުރިއެރުުން މިހާ ކުރު މުއްދަތެއްގައި ރާއްޖެ ތަޖުރިބާ ކޮއްފައި ނުވާ ކަމަށެވެ.
"ރައީސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން އަބަދުވެސް ފަހުރުވެރިވެ ޝުކުރުވެރިވާނެ" ޑރ ހަލީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ އެއް ދައުރު މިއަދުގެ ނިޔަލަށް ހަމަވާއިރު އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއަށް ވަނީ ގިނަ ގުނަ ތަރައްގީ ގެނެސްދެއްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު މިއަދު ހަމަވާއިރު ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވުމަށް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ވިދާޅުވެފައެވެ.
މުއާޒު ވިދާޅުވީ އިންތިހާބީ ރައީސް އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވަނީ އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންގެ އެދިލެއްވުމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.
އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތު މިއަދު ހަވީރު 5:00 ގައި ގަލޮޅު ދަނޑުގައި ބާއްވަން ނިންމާފައިވާއިރު އެ ރަސްމިއްޔާތުގައި ބައިވެރިވާ ބޭރުގެ ބައެއް އިސް ބޭފުޅުން އިއްޔެ އާއި މިއަދު ދަނީ ރާއްޖެ ވަޑައިގަންނަވަމުންނެވެ. އަދި މިއަދު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް މާލެ ވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ