ވެރިޔަކާއި މެދު ހިތްހަަމަ ނުޖެހޭނަމަ އަމަލުކުރަންވީ ގޮތް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތް - މައުމޫން

ރާއްޖޭގެ ވެރިއަކަށް ހުންނަ ބޭފުޅަކާއި މެދު ހިތްހަމަ ނުޖެހޭނަމަ ރައްޔިތުން އަމަލު ކުރަންވީ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނެއްްގައި ވިދާޅުވެފައިވަނީ ގާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ މަގު ހިޔާރުކުރުމުގެ ބަދަލުގައި އެހެން މަގުތައް ހިޔާރުކޮށް ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ގެއްލުންތަކެއްދީ، އެބޭފުޅާގެ ފުރާނަފުޅަށް ގެއްލުންވާ ފަދަ ކަންކަން ކުރުން މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަ ނުދޭ ކަމަށެވެ.
"އަދި އެފަދަ ކަމެއް ހިނގައިގެން މިގައުމު ފަސާދަވުމަށް އެއްވެސް ރައްޔިތަކު ފުރުސަތު ދީގެންވެސް ނުވާނެއެވެ. ކަން މހެން އޮތް ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ފުރާނަފުޅަށް ނުރައްކާވާފަދަ ހަމަލާތައް ދީގެން ނަމަވެސް މި ޖުމްހޫރިއްޔާގެ ވެރިކަން ފޭރިގަންނަން އެތައް ބަޔަކު މަސައްކަތް ކޮށްފައިވާކަން މިޖުމްހޫރިއްޔާގައިވެސް އަޅުގަނޑުމެން މިވަނީ ތަޖުރިބާކޮށްފައެވެ." މައުމޫން ވިދާޅުވެފައިވެއެވެ.
މައުމޫން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހާދިސާ އަދި ރިޔާސީ ލޯންޗުގައި އެއްޗެއްް ގޮއްވާލި ހާދިސާ އަކީ މިޖީލު ތަޖުރިބާކޮށްފައިވާ ކަންތައްތައް ކަމަށެވެ.
ވެރިކަމުގައި ހުންނަ ބޭފުޅަކާ މެދު ހިތްހަމަ ނުޖެހޭ މަދު ބަޔަކު ގައުމުގައި ތިއްބަސް ގިނަ މީހުންގެ ނިންމުމަށް އިހުތިރާމްކުރުމަކީ ޑިމޮކްރަސީގެ މައިގަނޑު އަސާސު ކަމަށާއި އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ ބޭފުޅަކު ވެރިކަމުގައި ހުންނެވިހާ ދުވަހަކު އެ ބޭފުޅަކަށް ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަން ހިދުމަތްކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށް މި ބަޔާނުގައި މައުމޫން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީވެރިކަމެއް ގާއިމްކޮށްފައިވަނީ 1953 ވަނަ ދުވަހުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ. ވެރިކަން ކުރެއްވީ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ