ބަންދުގެ ބަދަލެއްގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ހޯދުމަށް އަބުދުﷲ ގާޒީ ދައުވާކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ގިރިފުށީގައި 21 ދުވަހު ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލެއްގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ހޯދުމަށް ދައުލަތާ ދެކޮޅަށް އަބުދުﷲ ގާޒީ ދައުވާކުރައްވައިފިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް އިސްގާޒީ ހައްޔަރުކޮށްގެން ބަންދުގައި 21 ދުވަހު ބަހައްޓާފައިވާއިރު ގާޒީ ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އެންގުމުން ވެސް އެގޮތަށް ސަރުކާރުން ވަނީ އަމަލުނުކޮށްފައެވެ.
ދައުލަތާ ދެކޮޅަށް އަބުދުﷲ ގާޒީ އުފުލާފައިވަނީ ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާއެވެ.
މި މައްސަލަ އަބުދުﷲ ގާޒީ މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެ ކޯޓުން ވަނީ މިހާރު މި މައްސަލަ ބަލައިގެންފައެވެ. އަދި މައްސަލާގައި ފުރަތަމަ އަޑުއެހުން މިއަދަށް ވަނީ ތާވާލުކުރެވިފައެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އާ އުސޫލުގެ ދަށުން ދައުލަތާ ދެކޮޅަށް ކޮށްފައިވާ މި މައްސަލަ އެންމެ ފުރަތަމަ ދާނީ މަޝްވަރާކޮށްގެން ހައްލު ހޯދުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށެވެ. މި މައްސަލަ ޝަރީއަތަށް ދާނީ އަބްދުﷲ ގާޒީ އެދޭ މިންވަރު ދޭން ދައުލަތުން އިންކާރުކޮށްފި ނަމަ ނުވަތަ އެ ދައުވާއާ މެދު ދެ ފަރާތުގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެ ނަމައެވެ.
އަބުދުﷲ ގާޒީ މި ދައުވާ އުފުލާފައިމިވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ މުއްދަތަކަށް ޖަލަށް ލެވިފައިވާ ކުރީގެ ރައީސް ނަޝީދަކީ ގާނޫނާއި ހިިލާފު ހައްޔަރެއް އަދި ބަންދެއްގައި ހުރި މީހެއް ކަމަށާއި، އެމަނިކުފާނު ދޫކޮށްލައި، ބަންދު ކުރުމުން ދިމާވި ދަތިތަކުގެ ބަދަލު ސަރުކާރުން ނަޝީދަށް ދިނުމަށް އދގެ ވޯކިންގ ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނުން ގޮވާލާފައިވަނިކޮށެވެ.
އެ ގުރޫޕްއިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ "މިނިވަންކަން ނިގުޅައިގެންފައި"ވަނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ. އަދި އެއީ އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ހަ މާއްދާއަކާއި ހިލާފު ކަމެއް ކަމަށާއި، އަދި މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ފަސް މާއްދާއަކާ ހިލާފު ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެހެންކަމުން، އެ ދެ މުއާހަދާ އާއި އެއްގޮތްވާ ގޮތުގެ މަތިން ރައީސް ނަޝީދު ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެ ގްރޫޕުން ގޮވާލާފައިވާ އިރު، މަދަނީ އަދި ސިޔާސީ ހައްގުތަކާއި ބެހޭ ބައިނަލްއަގްޥަމީ މުއާހަދާގެ ނުވަ ވަނަ މާއްދާގެ ދަށުން، ދައުލަތުން ރައީސް ނަޝީދަށް ބަންދުގެ ބަދަލެއް ދޭންޖެހޭނެ ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.
އެ މުއާހަދާގެ ނުވަ ވަނަ މާއްދާގައި ބުނެފައިވަނީ، ގާނޫނާއި ހިލާފު ބަންދެއް ނުވަތަ ހައްޔަރެއްގެ "ޝިކާރަ"އަކަށްވާ މީހަކަށް، އެކަމުގެ ބަދަލު ލިބުމުގެ ހައްގު އޮންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ