އިންޓަނެޓާ ނުލައި ބޭނުންކުރެވޭ މެސެޖިން އެޕެއް ތައާރަފްކޮށްފި
ޓްވިޓާ (މިހާރުގެ އެކްސް)ގެ ކުރީގެ އެއް-ބާނީ އަދި ބްލޮކްގެ މިހާރުގެ ސީއީއޯ، ޖެކް ޑޯސީ، 'ބިޓްޗެޓް' ގެ ނަމުގައި އާ މެސެޖިން އެޕެއް ތައާރަފްކޮށްފިއެވެ. މިއީ އިންޓަނެޓްގެ އެހީތެރިކަމެއް ނެތި، ހަމައެކަނި ބްލޫޓޫތު މެދުވެރިކޮށް މަސައްކަތްކުރާ ޕީއާ-ޓު-ޕީއާ އެޕެކެވެ. ޑޯސީ އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ "ބްލޫޓޫތު މެޝް ނެޓްވޯކް"ތަކާއި، މެސެޖް ރައްކާކޮށްފައި ފަހުން ފޮނުވުމުގެ ނިޒާމުތަކާއި، އަދި މެސެޖްތައް އެންކްރިޕްޓްކުރުމުގެ މޮޑެލްތަކާ ގުޅޭގޮތުން އޭނާ ކުރައްވަމުން ގެންދަވާ އަމިއްލަ ތަޖުރިބާއެއް ކަމަށެވެ. ބިޓްޗެޓް މަސައްކަތް ކުރާ ގޮތް މި އެޕް މަސައްކަތް ކުރަނީ ބްލޫޓޫތު މެޝް ނެޓްވޯކްތަކުގެ މައްޗަށެވެ. މާނައަކީ، އެޕް ބޭނުންކުރާ ފޯނުތައް ކައިރިވުމުން އޭގެ އަމިއްލަ ނެޓްވޯކެއް އުފެދި، އެއް ފޯނުން އަނެއް ފޯނަށް މެސެޖްތައް ފޮނުވަނީއެވެ. މީގެ ސަބަބުން ވައިފައި ނުވަތަ ފޯނުގެ ޚިދުމަތް ނުލިބޭ ހާލަތެއްގައި ވެސް، އާދައިގެ ބްލޫޓޫތުގެ ރޭންޖަށްވުރެ ދުރަށް މެސެޖް ފޮނުވިދާނެއެވެ. ބިޓްޗެޓްގެ އެންމެ މުހިންމު އެއް ސިފައަކީ ޕްރައިވެސީއަށް ދީފައިވާ އަހައްމިއްޔަތުކަމެވެ. މެސެޖްތައް ފޮނުވަނީ އެންކްރިޕްޓްކޮށްފައި ކަމުން، މެދުވެރިވާނެ މަރުކަޒީ ސާވާއެއް ނުހުންނާނެއެވެ. މެސެޖްތައް ރައްކާކުރެވިފައި ހުންނާނީ ހަމައެކަނި ބޭނުންކުރާ މީހާގެ ފޯނުގައެވެ. އަދި އާންމު ގޮތެއްގައި މެސެޖްތައް ވަގުތުކޮޅަކުން އަމިއްލައަށް ފިލައިގެންދާނެއެވެ. މީގެ ސަބަބުން، އިންޓަނެޓް ކަނޑާލާފައިވާ ހާލަތްތަކުގަޔާއި، ސަރުކާރުތަކުން މުއާސަލާތީ ހިދުމަތްތައް ބްލޮކްކުރާ ވަގުތުތަކުގައި ވެސް މި އެޕް ބޭނުންކޮށްގެން މުއާސަލާތު ކުރެވިދާނެއެވެ. މިއީ 2019ވަނަ އަހަރު ހޮންކޮންގުގައި ކުރި މުޒާހަރާތަކުގައި ބޭނުންކުރި ބްލޫޓޫތު އެޕްތަކާ އެއްފަދަ ކޮންސެޕްޓެކެވެ. މި އެޕްގައި ގްރޫޕް ޗެޓް ނުވަތަ "ރޫމް"ތައް ހެދުމުގެ ފުރުސަތު ވެސް އޮވެއެވެ. މިފަދަ ރޫމްތަކަށް ހޭޝްޓެގް ބޭނުންކޮށްގެން ނަން ދެވި، ޕާސްވޯޑަކުން ރައްކާތެރި ކުރެވިދާނެއެވެ. އަދި ވަގުތީ ގޮތުން އޮފްލައިންގައި ހުންނަ މީހުންނަށް މެސެޖް ފޮނުވުމަށް "ސްޓޯ އެންޑް ފޯވާޑް" ގެ ފީޗާ ވެސް ހިމެނެއެވެ. މިއީ ވަޓްސްއެޕް ނުވަތަ މެސެންޖާ ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ހިންގާ އެޕްތަކާ މުޅިން ތަފާތު އެޕެކެވެ. ބިޓްޗެޓް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް، ފޯނު ނަންބަރެއް، ނުވަތަ އީމެއިލެއް ބޭނުމެއް ނުވެއެވެ. އަދި ބޭނުންކުރާ މީހުންގެ އެއްވެސް ޑޭޓާއެއް ވެސް ނުނަގައެވެ. ބިޓްޗެޓްގެ ބީޓާ ވާޝަން މިހާރު ޓެސްޓްފްލައިޓް އިން ލިބެން ހުރިއިރު، އެޕްގެ ޓެކްނިކަލް ތަފްސީލުތައް ހިމެނޭ ކަރުދާހެއް ގިޓްހަބް ގައި ވަނީ ޝާއިއުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ