މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަނުގައި ހުރި ފަޒީލް 6 މަސް ފަހުން އެމްޑަބްލިއުއެސްސީން ވަކިކޮށްފި

ކޮރަޕްޝަނުގެ ތުހުމަތުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ސަސްޕެންޝަނުގައި ހުރި، އެމްޑަބްލިއުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - ފަޒީލް ސަސްޕެންޑު ކުރީ 'ބިންވެރިޔާ' ސްކީމުން ގޯތި ލިބި އޭގެ އެގްރިމަންޓް ކަމަށް ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅި މައްސަލާގައި މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ތަފްސީލް - އެމްޑަބްލިއުއެސްސީން މިއަދު ބުނީ ފަޒީލް މިއަދުން ފެށިގެން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުން ވަކިކުރަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
"މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން" އެޅި ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފަޒީލުގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާ އެކު އިސް މަގާމެއްގައި މުސާރަޔާ އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ